ކުނި މެނޭޖުކުރުމުގެ ޤަވާއިދާ ހިލާފުވެގެން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި

ކުނި މެނޭޖުކުރުމުގެ ޤަވާއިދާ ހިލާފުވެގެން މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ. މިކަން ހާމަކޮށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މ...

09 Jun 2023 | 18:09

ކުނި މެނޭޖުކުރުމުގެ ޤަވާއިދާ ހިލާފުވެގެން މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މިކަން ހާމަކޮށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް، ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ ލިބިފައި ވާތީ އެ މައްސަލަ ބަލައިފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބުމުން، އެތަން ތަނަށް ގޮސް ކުނި ނަގައި ސާފުކުރަމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށާއި އެގޮތަށް ނަގާ ކުނި ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ކަންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.

އަދި މި މައްސަލައަކީ ވަރަށް ގިނަ އާންމުންގެ ފަރާތުން އެ އެޖެންސީއަށް ހުށަހަޅާފައިވާ މައްސަލައަކަށް ވުމުން، އީޕީއޭގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ކުނި އަޅާފައިވާކަން ކަށަވަރުކޮށްފައި ވާނެ ކަމަށް އީޕީއޭ އިން ހާމަކުރެއެވެ.

އެހެންކަމުން އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖުމުލަ 45,500.00 ރުފިޔާ އިން 08 ޖޫން 2023 ގައި ވަނީ ޖޫރިމަނާކޮށް، އެ ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލައި، ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ނަމަ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް