ތިމާވެށީގެ ގާނޫނުގެ ދަށުން ލާމު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ 6 ސަރަހައްދެއް ބެލެހެއްޓުމަށް މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
އެންދެރި މަޝްރޫޢުގެ ދަށުން ކުރާ މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި ވޯޓަރ ސޮލިއުޝަންސް ގެ ފަރާތުން ސޮއި ކުރީ މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ 10 މަސް ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރޭގައި މި ސަރަހައްދުތައް ބޭނުންކުރާ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވުމާއި، މި ސަރަހައްދުތައް ބޭނުން ކުރާގޮތާއި މިންވަރުގެ ޗާޓުތައް ތައްޔާރު ކުރުން ހިމެނޭ ކަމަށެވެ.
އަދި މި ސަރަހައްދުތައް ތަރައްޤީ ކުރުމުގެ 10 އަހަރުގެ އެކްޝަން-ޕްލޭން އެކުލަވާލައި ތަރައްޤީ ކުރާނޭ ގޮތުގެ ކުރެހުމާއި ތްރީޑީ ޑިޒައިން ތައްޔާރުކުރުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ވާހަކަ ދެއްކެވި ސީނިއަރ ކޮންޒަވޭޝަން އޮފިސަރ ލިސާމާ ސަބްރީ، ވިދާޅުވީ ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވޭ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަކީ ގިނަފަހަރު ވަރަށް ގިނަދުވަސް ނަގާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ލިސާމާ ވިދާޅުވީ ލާމު އަތޮޅަކީ މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވި ސްޕީޑެއްގައި މެނޭޖްމަންޓް ޕްލޭން ތައްޔާރު ކުރެވޭނެ އަތޮޅަށް ވެގެން ދާނެ ކަމަށެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް މި މަސައްކަތާއި ގުޅިގެން ދެއްކެވި ވާހަކައިގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވޭ ތަންތަނަކީ އެއްވެސް ބޭނުމެއް ނުކުރެވި އަޅާނުލެވި ބޭއްވޭ ތަންތަން ކަމުގައި ވަރަށް ގިނަ ފަރާތްތަކުން ދެކޭކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ ސަރަހައްދުތައްވެސް ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން ތަރައްޤީކޮށް ބޭނުން ކުރެވޭނޭ ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.
އަދި މި ގޮތުން މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގައި އެ ސަރަހައްދުތައް ބޭނުންކުރާ ވީހާވެސް ގިނަ ފަރާތްތަކުގެ ހިޔާލާއި ވިސްނުން ހޯދުމުގެ މުހިންމުކަންވެސް ނައީމް ވަނީ ފާހަގަ ކުރައްވާފައެވެ.
އެންދެރި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ މަރިޔަމް ފަޒްނާ އާއި ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީވެސް މި ރަސްމިއްޔާތު ގައި ވާހަކަ ދެއްކެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް