ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ދަ ޑިމޮކްރެޓްސް އާއެކު ފުރަތަމަ ފަހަރަށް ފެނިލައިފިއެވެ.
ރައީސް ނަޝީދު ވަނީ މިއަދު ދަ ޑިމޮކްރެޓްސް ހައުސް،ގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޑިމޮކްރެޓްސްގެ ޖަގަހައިގެ ބޭރުގައި ހަރުކޮށްފައި ހުރި ދަ ޑިމޮކްރެޓްސްގެ ބޮޑު ބޯޑާއި އެކީގައެވެ. މި ފޮޓޯއަކީ ވަރުގަދަ މެސެޖެއްކަމުގައި ބުނެ ދަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން އަންނަނީ މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ރައީސް ނަޝީދު މި ފޮޓޯ މިއަދު ނެންގެވީ އާއިލާ ކުދިންކޮޅަކާއެކު ހެދިގޮނޑުދޮށަށް މޫދަށް ވަޑައިގެންނެވުމަށްފަހުގައި ކަމަށް ބެލެވެއެވެ. މޫދުގައި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.
ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއާއެކު ފުރަތަމަ ފެނިލުން މިފަދަ ގޮތަކަށް ގޮސްފައިވާއިރު ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭގޮތް ނުވުމުން ރައީސް ނަޝީދަށް ޓިކެޓު ކަށަވަރު ކުރެއްވުމުގެ ގޮތުންނާއި އެމްޑީޕީގައި ތިބެ އެމްޑީޕީއާއި ދެކޮޅަށް މަސައްކަތްކުރި ފަރާތްތަކުން އިސްވެ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕާޓީއެކެވެ. އެ ޕާޓީއާއި ރަސްމީ ސިފައެއްގައި ރައީސް ނަޝީދު އަދި ގުޅިވަޑައިގެންފައެއް ނުވެއެވެ. ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އަދި އެ ޕާޓީގެ ރައީސްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް