ވޮޝިންޓަން ސްޓޭޓްގެ ކެސްކޭޑް ފަރުބަދައާއި ބޯ ޖަންގަލީގެ ތެރެއަށް ގެއްލުނު 10 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތުން ހުއްޓާ 24 ގަޑިއިރު ފަހުން ފެނިއްޖެއެވެ.
ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން މީގެ ދެ އަހަރު ކުރިން އެމެރިކާ އަށް ހިޖުރަ ކޮށްފައިވާ އަފްގާނިސްތާނަށް ނިސްބަތްވާ އާއިލާއެއްގެ 10 އަހަރުގެ ޝުންގްލާ މަޝްވާނީ ގެއްލިފައި ވަނީ އާއިލާ އާއެކު ފަރުބަދަ ތަކުގެ ތެރެއަށް ގޮސްގެން އުޅެނިކޮށެވެ.
އެގޮތުން ޝުންގްލާ އަށް އާއިލާ ގެއްލުނީ އާދީއްތަ ދުވަހު ކްލޭ އެލަމް ކޯރު ވާދީގެ އުތުރު ފަރާތުގައި އޮންނަ ކެތެޑްރަލް ރޮކް ޓްރެއިލްހެޑްގައި ފައިމަގުގައި ބްރިޖެއް ހުރަސް ކުރަމުން ދަނިކޮށެވެ.
އަދި އާއިލާ އިން އެދުވަހުގެ މެންދުރުގެ ކެއުމަށް މަޑުކުރުމުގެ ކުރިން ފާހަގަ ކުރެވުނީ އެމީހުންގެ ބޮޑު އާއިލާގެ ތެރޭގައި ޝުންގްލާ ނެތް ކަމެވެ. އެ އާއިލާއިން ކުއްޖާ ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގައި ވަގުތުން ފަށާފައިވީ ނަމަވެސް މުއާސަލާތީ ހިދުމަތް އެހިސާބުގައި ލިބެން ނެތުމުން އެކަން ވެގެން ދިޔައީ ބޮޑު ގޮންޖެހުމަކަށެވެ.
މިގޮތުން ކުއްޖާ ހޯދުމުގެ ރަސްމީ މަސައްކަތް ފެށުނީ އެ އާއިލާއިން މެދުކެނޑުމެއްނެތި ދެ ގަޑިއިރު ވަންދެން މަސައްކަތް ކުރި ފަހުން ކައިރީގައި ހުރި ކެބިންގެ ވެރިއަކަށް އެ މީހުނާއި ދިމާވެ އޭނާގެ ސެޓެލައިޓް ފޯނު ބޭނުން ކޮށްގެން ކުއްލި ހާލަތުގެ ހިދުމަތްތަކާ ގުޅުމުންނެވެ.
އެގޮތުން ވޮލަންޓިއަރ ޓީމު ތަކާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ޑްރޯނާއި ހެލިކޮޕްޓަރުތައް ހިމެނޭ ސާޗް ޓީމެއް އެކުލަވާލާފަ އެވެ. ޝުންގްލާ ގެއްލުނު ސަރަހައްދަކީ ފަރުބަދައާއި ގަސްބޯ ޖަންގަލި ހިމެނޭ ސަރަހައްދެއް ކަން ސަރޗް ޓީމުންވެސް ފާހަގަކޮށްފައި ވެއެވެ.
ހޯމަ ދުވަހުގެ މެންދުރު 3 ޖަހާ އެހާކަންހާއިރު ސަރޗް ޓީމްގެ ދެ ވޮލަންޓިއަރުންނަށް ޝުންގްލާ ފެނުނީ އެންމެ ފަހުން ފެނުނު ސަރަހައްދާއި 1.5 މޭލު (2.5 ކިލޯމީޓަރު) ދުރުގައި ކުދިކުދި އަނިޔާތަކަކާއެކު ސަލާމަތުން ދިރި ހުއްޓައެވެ.
ސަރޗް ޓީމުން ވަނީ ވަގުތުން އިންފްލެޓެބަލް ވޯޓަރ ކްރާފްޓެއްގައި ސަލާމަތުން އެ ކުއްޖާގެ އާއިލާއާއި ހަމައަށް ގެންގޮސްދީފައެވެ.
ސަރޗް ޓީމުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުން ޝުންގްލާ އާދީއްތަ ދުވަހުގެރޭ ނިދާފައި ވަނީ 38 އެފް (3 ސެލްސިއަސް) އަށް ފިނިހޫނުމިން ދަށްވުމުން ހޫނު ކަން ހޯދުމަށް ދެ ގަހެއްގެ މެދުގައި ކަމަށެވެ. އަދި މިއީ އާދަޔާ ހިލާފު ކެތްތެރި ކުއްޖެއް ކަން ފާހަގަކޮށް އޮފިޝަލުން ވަނީ 10 އަހަރުގެ މި ކުއްޖާއަށް ތައުރީފު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް