ތެދުވެރި އަޒްމަކާއިއެކު އިހްލާސްތެރި ތައުބާއަކާކުރިމަތިލައިފިނަމަ ހިތަށް ހިތްހަމަޖެހުން ވައްދަވާނެ: ޚުޠުބާ

މާތްﷲ ގެ ހަޟްރަތަށް، ތެދުވެރި ޢަޒްމަކާއި އިޚްލާޞްތެރި ތައުބާއަކާއެކު ކުރިމަތިލައިފިނަމަ ތިބާގެ ހިތަށް، ﷲ ހިތްހަމަޖެހުން ވައްދަވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފިއެވެ. މިއަދުގެ ހުކުރު ޚ...

09 Jun 2023 | 08:05

މާތްﷲ ގެ ހަޟްރަތަށް، ތެދުވެރި ޢަޒްމަކާއި އިޚްލާޞްތެރި ތައުބާއަކާއެކު ކުރިމަތިލައިފިނަމަ ތިބާގެ ހިތަށް، ﷲ ހިތްހަމަޖެހުން ވައްދަވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ " ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު" އެވެ.

ތެދުވެރި ޢަޒްމަކާއި އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވެއްޖެނަމަ ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮރުތައް ﷲ ހުޅުއްވައި ދެއްވާނޭކަމާއި އޭރުން ތިބާގެ ނަފްސަށް އަލުން އިތުބާރު ލިބޭނޭކަމާއި އަދި ތިބާއަށް ސީދާވެގެންވާ މިސްރާބު ހިފޭނޭކަމުގެ އިތުރުން ތިބާއަށް އަމާންކަމާއެކު މި ދުނިޔޭގެ ދަތުރުކޮށް އުޚްރަވީ މަންޒިލަށް ދެވޭނޭކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"އިންސާނާއަކީ އޭނާގެ އިއްޔެއަށްވުރެ އޭނާގެ މިއަދު ހެޔޮ ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާ މީހެކެވެ. އަދި އޭނާއަކީ އޭނާގެ މިއަދަށްވުރެ އޭނާގެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާ މީހެކެވެ. އޭނާގެ އިއްޔެއަށް ބަލައި އޭނާއަށް ކުރެވިފައިވާ އަމަލުތައް ހިސާބުކޮށް މި އަމަލުތައް އިސްލާހު ކުރުމަށް މަސައްކަތް ފަށައެވެ. އޭނާއަށް ކުރެވިފައިވާ ކުށްތަކަށް މާފުދެއްވާތޯ އެދި ﷲގެ ހަޒްރަތަށް އެނބުރި ދެއެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫނެވެ. އޭނއަކީ މާތް ﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ހަޒްރަތަށް އަވަހަށް އެނބުރި ގޮސް އިސްތިޣްފާރުކޮށް މާފު ކުރެއްވުމަށް އެދި ދަންނަވާ މީހެކެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

މީހެއްގެ ހިތުގައި ﷲ އަށް ބިރުވެތިވުން އަށަގެންފައިވާނަމަ، އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައެއް ނުގަންނާނެއެވެ. މާތް ﷲގެ މަގާމުގެ މަތިވެރިކަން އިހްސާސްކުރެވޭ މީހާ އޭނާގެ ކުށްތަކަށް ތައުބާވުން ލަހެއް ނުކުރާނެކަން ފާހަގަކުރަމުން ހުޠުބާގައި ބުނެފައިވަނީ ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ތިބާގެ ކުރިމަތީގައި އަދި ވަގުތު އެބަ އޮތް ކަމަށާއި ހާސްވެ ކަންބޮޑުވާން ނުވާ ކަމަށް ސައިތާނާ އޭނާއަށް ވަސްވާސްދީ ބުނާނެ ކަމަށެވެ. އަދި ބައެއް ފަހަރަށް ސައިތާނާ އޭނާއަށް ވަސްވާސްދީ މާޔޫސްކޮށްލާ ކަމަށާއި ނަމަވެސް އަހަރެމެން ﷲގެ ރަހްމަތުން އުންމީދު ކަނޑާލައިގެން ނުވާނެކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި އަހަރެމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް މާތް ﷲގެ މަގަށް އެނބުރި ރުޖޫއަވެ ތައުބާވުން ކަމާއި މާތް ﷲގެ މަގަށް ރުޖޫއަވެ ތައުބާވެއްޖެނަމަ އެކަލާނގެ ތައުބާ ގަބޫލުކުރައްވާ ފާފަ ފުއްސަވައި ދެއްވާނެކަންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން ﷲގެ ފުއްސެވުމަށް އެދެންޖެހޭނެއެވެ. އޭނާގެ ހިތުގެ އެދުން އޭނާގެ ދުލުން ފާޅުވާން ޖެހޭނެއެވެ. ހަމައެފަދައިން ތައުބާވާމީހާ އޭނާއަށް ކުރެވުނު ކުށްތަކާމެދު ދެރަވެ ހިތާމަކުރަންޖެހޭނެއެވެ. އެ ފާފަތަކަށް އެނބުރި ނުދިޔުމަށް އޭނާގެ ހިތުގައި އަޒްމު ކަނޑައަޅަންވާނެއެވެ. ﷲގެ އަޅުތަކުންކުރެ އަޅެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ ނުވަތަ އަނިޔާވެރިވެފައިވާނަމަ އެކަމަށް މާފަށް އެދެންޖެހޭނެއެވެ. އޭނާގެ ހައްގު އަދާކޮށް ހަލާސްކުރަންޖެހޭނެއެވެ." ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި މާތް ﷲ ވަނީ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުއްވައިދެއްވާފައެވެ. ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު، ރޭގަނޑުގެ ވަގުތުތަކުގައި ހުޅުއްވައިދެއްވައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ކުށްފާފަތަކަށް އަރައިގަނަން މީހުންނަށް ތައުބާގެ ދޮރު، ދުވާލުގެ ވަގުތުތަކުގައި ހުޅުއްވައިދެއްވައެވެ.

ފަރްޟު ފަސް ނަމާދާއި ރަމަޟާންމަހުގެ ރޯދައާއި މުދަލު ޒަކާތާއި ޙައްޖުފަދަ ފަރްޟު ކަންތައްތަކާއި، ރަވާތިބު ސުންތަންތަކާއި ވިތުރިއާއި ޟުޙާ ނަމާދާއި ތަހައްޖުދު ނަމާދާއި ސުންނަތް ރޯދަތަކާއި ޟަދަޤާތާއި ޢުމްރާއާއި ޤުރްއާން ކިޔެވުމާއި މިސްކީނުންނަށް ހެޔޮފޯރުވުމާއި ނިކަމެތީންނަށް އަޅައިލުންފަދަ ކަންތައްތަކަކީ ތިމާއަށް ކުރެވޭނެ ނުބައި އަމަލުތަކުގެ ފާފަ ފުއްސަވައިދެއްވާނެ ކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި އާދަމުގެދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންތަކެއް ވާކަމާއި މި ދުޝްމަނުން އޭނާގެ ހަޑި ހުތުރު ޢަމަލުތައް އޭނާއަށް ޒީނަތްތެރިކޮށްދޭކަމާއި އަދި ރިވެތި ޢަމަލުތައް ހުތުރުކޮށްދޭކަން ފާހަގަކޮށް، އެބައިމީހުން ﷲގެ އަޅުންނަނަށް ޝަހުވަތްތަކަށް ގޮވައިލާނެ ކަމާއި، ނުބައިވެގެންވާ ޢަމަލުތަކުގެ ދަލުގައި ޖައްސަން މަސައްކަތްކުރާނޭކަމާއި މިފަދަ ދަޅަތަކަށް ހެއްލުންތެރިވެގެން އުޚްރަވީ ޙަޔާތް ކާމިޔާބެއް ނުކުރެވޭނޭކަމާއި އަދި ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަމެއް ނުލިބޭނެކަން ޚުތުބާގައި ހަނދުމަކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް