ދައުވާ ކުރަން ޕީޖީއަށް ލިބޭ މުއްދަތު 15 ދުވަހަށް އިތުރު ކުރަން ހުށަހަޅައިފި

ފުލުހުންގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާ މީހުންނަށް ދައުވާ ކުރަން ލިބޭ މުއްދަތު އިތުރު ކުރަން ހުށަހަޅައިފި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން...

09 Jun 2022 | 09:36

ފުލުހުންގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާ މީހުންނަށް ދައުވާ ކުރަން ލިބޭ މުއްދަތު އިތުރު ކުރަން ހުށަހަޅައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ދިހަ ދުވަސް 15 ދުވަހަށް އިތުރު ކުރަންށެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޝިފާއު އެވެ.

ބިލުގައި ވާގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބަންދުގެ މުއްދަތު އިތުރު ކުރަން ޕީޖީގައި އެދުމުން އެ މުއްދަތު 60 ދުވަހަށް އިތުރުކުރެވޭނެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަ ވެގެން 45 ދުވަހުއެވެ.

އެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ނުކުރެވިއްޖެނަމަ ނުވަތަ ދައުވާކުރެވޭ މިންވަރަށް ހެކި ނުލިބޭ ނަމަ އެމީހަކު ދޫކޮށްލަން ވާނެ ކަމަަށް އިސްލާހުގައި ވެއެވެ. އަދި އެފަދަ މީހަކު ބަންދުން ދޫކޮށްލާއިރު ފުރުން މަނާ ކުރަންޖެހޭ ހާލަތެއްވާނަމަ ކޯޓަށް އެކަން ހުށަހަޅަން ޖެހޭނެއެވެ.

ބިލު ހުށަހަޅުއްވަމުން މެންބަރު ޝިފާއު ވިދާޅުވީ ބިލުގެ މައިގަނޑު މަގްސަދަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމާ، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ކަމަށެވެ.

މީގެ އިތުރުން މީހަކު ކުށަކަށް އިއުތިރާފް ވެއްޖެނަމަ އިއުތިރާފުގެ އެއްބަސްވުމަކަށް އާދެވޭނެ ހާލަތާއި އަމަލުކުރާނެ އިޖުރާއަތު ތަފްސީލު ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް