ދިވެހިރާއްޖޭގައި، ވިހާތާ ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީވާން ހުށަ ނާޅައިފިނަމަ ޖޫރިމަނާވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ. މުއިއްޒު ހުށަހަޅާފައިވާ ބިލް އަކީ "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" އެވެ.
މި ބިލުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހުށަ ނާޅައިފި ނަމަ، 10،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ބިލްގައި ވެއެވެ.
މި ބިލުގައި ވާގޮތުން، ރައްޖޭގައި އުފަންވާ ކޮންމެ ކުއްޖެއްވެސް، އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ފަރާތުން ފޫޅުމާފޯމް ރަށު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ބޭރުގައުމެއްގައި ރާއްޖޭގެ ކުއްޖެއް ވިހައިފި ނަމަ، އެ ބަޔަކު ރާއްޖެ އަންނަތާ ހަތް ދުވަހުގެ ތެރޭގައި މިކަން ނިންމަން ޖެހެއެވެ. އަދި ރާއްޖެ އަންނައިރު، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމެއް ގެންނަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް