ސައުތް އެފްރިކާގެ އަންހެނަކު އެއްމާބަނޑު 10 ކުދިން ވިހައި ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ،
މިހާތަނަށް އެންމެ ގިނަ އެއްމާބަނޑު ކުދިން ވިހައިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު އޮތީ އެމެރިކާގެ އަންހެނެއްގެ އަތުގައި އެވެ. 2009 ވަނަ އަހަރު އެ އަންހެން މީހާ އެއްމާބަނޑު އަށް ކުދިން ވިހާފައިވެ އެވެ.
ސައުތް އެފްރިކާގެ ގޮސިއާމާ ތަމަރާ ކިޔާ އެ އަންހެން މީހާ އެއްމާބަނޑު 10 ކުދިން ވިހެއީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަން އެ އާއިލާ އާއި ސައުތް އެފްރިކާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރީ މިއަދު އެވެ.
އުމުރުން 37 އަހަރުގެ އަންހެން މީހާގެ ލިބިފައިވަނީ ހަތް ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ. އޭގެ ތެރެއިން ފަސް ކުދިން ވިހާފައިވާއިރު އަނެއް ފަސް ކުދިން ނެގީ ސިޒޭރިއަން ހަދައިގެންނެވެ.
އޭނާގެ ފިރިމީހާ މީޑިއާގައި ބުނީ 10 ކުދިންނަށް ބަލިވެ އިނދެ ވޭންހުރި ދުވަސްތަކެއް ގޮސިއާމާ ހޭދަކުރަން ޖެހުނަސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެން ގިނަ އަންހެނުންނެކޭ އެއްގޮތަށް ގޮސިއާމާވެސް ވިހާފައިވަނީ ދުވަސް ނުފުރާ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ވިހެއީ ބަނޑަށް 29 ހަފްތާގައި އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އެއްމާބަނޑު ކުދިން ވިހާ މީހުންގެ ތެރެއިން ގިނަ މީހުން ވިހާނީ ދުވަސް ނުފުރާ އެވެ.
މިއީ އޭނާ އެއްމާބަނޑު ކުދިން ވިހޭ ދެވަނަ ފަހަރެވެ. މިހާރުވެސް އޭނާގެ ހަ އަހަރުގެ އެއްމާބަނޑު ދެކުދިން އެބަތިއްބެވެ.
އެންމެ ގިނަ އެއްމާބަނޑު ކުދިން ވިހެއުމާއި ގުޅިގެން ގިނިސް ބުކް އޮފް ވޯލްްޑް ރެކޯޑުން ގޮސިއާމާއަށް ޖާގަ ދިނުމަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ އިދާރާގެ އޮފިޝަލުން މީޑިއާގައި ބުނެފައިވެ އެވެ.
އޭނާ 10 ކުދިން ވިހައި ރެކޯޑު މުގުރާލާފައި މިވަނީ މޮރޮކޯ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހައި އެމެރިކާ މީހާ އަންހެން މީހާ 12 އަހަރުވަންދެން ގެންގުޅުނު ރެކޯޑު މިދިޔަ މަހު ހޯދާފައި ވަނިކޮށެވެ. އެކަމަކު ސައުތް އެފްރިކާ އަންހެން މީހާ 10 ކުދިން ވިހާފައި މިވަނީ މޮރޮކޯ އަންހެން މީހާ ރެކޯޑު މުގުރާލިކަން ކަށަވަރުކޮށް ބަލަން ޖެހޭ ކަންކަން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑަށް ނުބެލިގެން އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް