ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުހެހުމުގައި އޭނާ އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވުމާއި ދެކޮޅު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އަލީ ވަހީދުގެ ފަރާތުން ސިޓީއަކުން އެދިވަޑައިގަތީ މިއަދު އެވެ. މިކަން ކްރިމިނަލް ކޯޓުން މީޑިއާގައި ކަށަވަރު ކޮށްދީފައިވެ އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން މީޑިއާގައި ބުނީ ރާއްޖެއިން ބޭރުގައި އޭނާ ހުންނަވަނިކޮށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ ކަމަށް އެ އޮފީހުން ގަބޫލު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އަލީ މިވަގުތު ހުރީ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ކަމުން ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ގާނޫނު ތަން ނުދޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދަން އެދިވަޑައިގެންނެވީ ބޭސްފަރުވާގެ ކަންކަން އަދި ނުނިމޭތީ އެކަމަށް އިތުރު މުއްދަތު ބޭނުންވާތީ އެވެ.
އަލީ ވަހީދު ބޭސް ފަރުވާއަށް ފުރުމުގެ ހުއްދަ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ދިނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވާގޮތަށެވެ. އެ މުއްދަތު މިއަދަށް ހަމަވެ އެވެ.
ޕީޖީ އޮފީހުން ބުނީ މާދަމާ އޮންނަ ޝަރީއަތަށް އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ އޭނާ ފުރުމަށް ޖާމިނުވި ފަރާތަށް އަދަބު ދޭން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ގާނޫނު ބުނާގޮތުން އަދަބެއްގެ ގޮތުގައި އޮންނަނީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އަދި އެ މުއްދަތުގައި ހާޒިރު ނުވެއްޖެ ނަމަ ޖަލު ހުކުމް އިތުރުވަމުން ދެއެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް