'ހައި އެމްބިޝަން ކޯލިޝަން' އަދި 'ގްލޯބަލް އޯޝަންސް އެލިއަންސް' ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ވަނީ 2030 ވަނަ އަހަރަށް ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް 70 ޤައުމަކާއި ގުޅިފައިކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކޮމަންވެލްތް އިން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ފަރާތުން ތަޤުރީރު ކުރައްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ވަށައިގެންވާ މާހައުލަށާއި ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށެވެ.
އެހެންކަމުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ގިނަ ބާވަތެއްގެ ޕްލާސްޓިކް ދިވެހިރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކޮށް، މި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަންތައް ތަންފީޒުކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން، 1 ޖޫން އިން ފެށިގެން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅިއާއި، ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާކޮށް ތަންފީޒުކުރަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓޭނީ ހުރިހާ ޤައުމަކުންވެސް މަސައްކަތްކޮށްގެން ކަމަށާއި މީގެ ތެރޭގައި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުންވެސް ހިމެނޭކަމަށެވެ. އެގޮތުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް މަސައްކަތްކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ވާގޮތަށް 2020 ވަނަ އަހަރަށް ކަނޑުތަކުގެ 10 އިންސައްތަ ހިމާޔަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ކަނޑުތަކާއި ގުޅިފައި. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިކޮނޮމިކް ސެކްޓަރތައްވެސް ބިނާވެގެންވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް މާ ބޮޑަށް ހޫނުވެ، އެ ކަނޑުފަޅުތަކުގެ ރީތިކަމަށާއި މުއްސަނދިކަމަށް ނޭދެވޭ އަސަރުތައް ކުރަމުންދޭ. އެގޮތުން މުރަކަތަކަށާއި ފަރުތަކަށްވެސް ގެއްލުން ލިބެމުންދާއިރު، ކަނޑުތަކުގެ ދިރުންތަކަށް ގެއްލުން ލިބޭވަރަށް މަސްވެރިކަންކުރުމުގެ ސަބަބުންނާއި ކަނޑުތަކަށް ޕްލާސްޓިކް ކުނި އެޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ " މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލޙް ވަނީ ކްލައިމެޓް އެމަރޖެންސީ އެކްޓް ބިލް ތަސްދީޤުކުރައްވާފައެވެ.
2030 އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެހެން ނަމަވެސް މިއީ އުނދަގޫ ކަމެއްކަން ފާހަގަ ކުރަމުން ޝައުނާ ވިދާޅުވީ މިޓާގެޓް ހާސިލުކުރުމަށް ޓެކްނިކަލް އެހީއާއި ފައިސާގެ އެހީ ބޭނުންވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންގެން ރާއްޖޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ފަށާފައިވާކަމަށާއި ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މިމެރިން ސްޕޭޝަލް ޕްލޭންގެ ސަބަބުން ހިމާޔަތްކުރުމަށް ޚާއްޞަ ސަރަހައްދުތައް ދެނެގަނެވިގެން ދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް