ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތައް އެ ކޯޕަރޭޝަނުން ދޮގު ކޮށްފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލާ ހަވާލުވި ހިސާބުން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ މައުލޫމާތު ހޯދަން މަސައްކަތް ފެށި ކަމަށާއި ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަންއިން އެ މައުލޫމާތު ދީފައި ނުވާ ކަމަށެވެ. އަދި ސިޓީ އާއި ފޯނު މެދުވެރިކޮށް ބައްދަލުވުމެއް ކުރިޔަށް ގެންދަން އެދުމުންވެސް އެކަން އެ ކޯޕަރޭޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
ފަހި ދިރިއުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގަ އެ ކޯޕަރޭޝަނާއި ގުޅޭގޮތުން ދައްކަވާފައިވަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މަގާމާ ހާވާލުވުމުގެ ކުރިން، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މުއިއްޒު އެ ކޯޕަރޭޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ ސިޓީގައި އެއްވެސް މައުލޫމާތެއް ހޯދުމަށް އެދިފައި ނުވާ ކަމަށާއި ހަމައެކަނި ކޮށްފައިވަނީ އިލްތިމާސެއް ކަމަށް ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލުން އެއްވެސް މައުލޫމާތެއް ބޭނުން ވެގެން އެ ކޯޕަރޭޝަންގައި މިހާތަނަށް އެދިފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މުއިއްޒު އެރޭ ވިދާޅުވީ ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް އެންމެ ބޭނުންވެފައިވާ އެއްކަންތައް ކަމަށްވާއިރު އެފަދަ މަޝްރޫތަކުގައި ސިޓީ ކައުންސިލް ބައިވެރި ކުރަން ޖެހޭނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް