އެމްއެމްޕީއާރުސީ މައްސަލައިގާ މިނިސްޓަރު މަހްލޫފްގެ މަައްޗަށް ދައުވާކުރަން ޕީޖީއަށް ހުށަހަޅައިފި

އެމްއެމްޕީއާރުސީ މައްސަލައިގާ މިނިސްޓަރު މަހްލޫފްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. އޭސީސީން ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެ...

09 Jun 2021 | 11:18

އެމްއެމްޕީއާރުސީ މައްސަލައިގާ މިނިސްޓަރު މަހްލޫފްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭސީސީން ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (09 ޖޫން 2021) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.

އޭސީސީން ބުނެފައިވާގޮތުގައި މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އަހްމަދު މަހްލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގެއެވެ.

އެގޮތުން މި އަދަދު ލިބިފައިވާކަން އެނގެން އޮތް އިރު އެ ވޯޓަށްފަހު މަހްލޫފާއި އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ އަދީބު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭކަމަށް އޭސީސީން ބުނެފައިވެއެވެ.

" އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚުލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙްޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުތަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ. އަދި މިއީ އަޙްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަޙްމަދު މަޚްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަޙްޤީޤަށް ލިބިފައިވާ ހެކި ޤަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ." އޭސީސީން ބުނެފައިވެއެވެ.

ހަމައެހެންމެ، އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް