މިއަދުގެ ދެވަނަ މަރާއެކު ކޯވިޑް މަރުގެ އަދަދު 191 އަށް

ކޯވިޑް-19ށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ދިވެހިރާއްޖޭގައި ދެވަނަ މީހާ ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ ހެނދުނު 10:31 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގ...

09 Jun 2021 | 10:02

ކޯވިޑް-19ށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ދިވެހިރާއްޖޭގައި ދެވަނަ މީހާ ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ ހެނދުނު 10:31 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 191 ވަނަ މީހާއެވެ.

ބުދަ ދުވަހުގެ ހެނދުނު 09:50 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ނިޔާވެފައެެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 13 މީހަކު ނިޔާވިއެވެ. އަދި މެއި މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަސް ވެސް މެއެވެ. ހަމައެކަނި މެއި މަހު ކޮވިޑް ބަލީގައި 88 މީހުން ވަނީ ނިޔާވެފައެވެ.

ދިވެހިރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ރޭޓް މަތިވެފައިވާއިރު، ކޭސްތައް ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޯވިޑް-19އާ ގުޅޭ މައުލޫމާތުތައް އާންމުކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރު އެ ހަފްތާއަށް ދިގުދަންމާލިކަން އިއުލާންކުރައްވާފައެވެ. ކުރިއަށް ސްކޫލް ބަންދެއް އޮތުމާ ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދާން ބޭނުންވެފައިވާ މި ހާލަތުގައި ކޯވިޑް-19އާ ގުޅިގެން މި ވަނީ މާލެއިން ބޭރަށް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ވެސް ކަނޑައަޅާފައެވެ.

ރައީސް ވިދާޅުވީ މިފަދަ ހަރުކަށި ފިޔަވަޅުތަކެއްގައި ގޭގައި ބަންދުވެފައި ތިބުމަކީ ފަސޭހަ ކަމެއް ނޫން ކަން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިހެން ތިބެގެން ފަހުން ވާނެ ފައިދާ ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި ޖުލައި 26 އާއި ބޮޑު އީދު ބަންދާ އެކު 14 ދުވަހަށް ވުރެ ގިނަ ދުވަހުގެ ބަންދެއް ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު މި ލިބޭ ޗުއްޓީގައި ގޭގައި މަޑުކޮށްލައިގެން ބޮޑު އީދު ބަންދުގައި ބޭރަށް ދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ހާލަތު ގޯސްވުމުން އަޅާ ފިޔަވަޅުތަކަށް ކުއްލިއަކަށް ބޮޑެތި ލުއިތަކެއް ދިނުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް