ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލްގެ ދެމެދުގައި ލޯބީގެ ގުޅުން އޮންނަ ކަމަށް ވާހަކަ ދެކެވޭތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ކުރިން ރަންބީރު ކަޕޫރާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ އެ ގުޅުން ނިންމާލި ފަހުން އިތުރު މީހަކާއި ލޯބީގެ ގޮތުން ގުޅުނުކަން ހާމަކޮށްފައެއް ނުވެ އެވެ. ހާއްސަކޮށް ވިކީ އާއި ދެމީހުންގެ ގުޅުމުގެ އަޑު ގަދަވިޔަސް ކެޓްރީނާ އެކަމަށް މާބޮޑު ސަމާލުކަމެއްދީ ޖަވާބުދޭން މަސައްކަތް ކޮށްފައެއް ނުވެ އެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވިކީވެސް އެއްބަސްވެފައެއް ނުވެ އެވެ. ކެޓްރީނާ އާއި ވިކީ އާ ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކައި އެ ދެމީހުންގެ ދެމެދުގައި އޮތީ ކޮން ގުޅުމެއްކަން ޔަގީން ކޮށްދިނީ އަނިލް ކަޕޫރުގެ ދަރިފުޅު ހަރްޝްވަރްދަން ކަޕޫރެވެ.
އިންޑިއާގެ މުނިފޫހިވުލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލެއްގެ ޝޯއެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ އާއި ވިކީގެ ގުޅުމާއިބެހޭގޮތުން އޭނާ ވާހަކަ ދެއްކީ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އޭނާ އާއި ސުވާލުކޮށްފައިވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ލޯބީގެ ގުޅުން އޮންނަކަމަށް ވާހަކަ ދެކެވޭ މީހުންގެ މެދުގައި ހަގީގީ ގުޅުން އޮންނަކަން ޔަގީންވާ ބައެއްގެ ނަން އެނގޭތޯ އެވެ.
އެ ސުވާލަށް ޖަވާބުދެމުން ހަރްޝް ބުނީ ކެޓްރީނާ އާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ކަމަށެވެ. އަދި ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެފައިވަނީ އަނެއްކާ އެ ބުނެވުނު އެއްޗަކުން މައްސަލައަކަށް ނުވާނެތޯ އެވެ.
ވިކީ އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަ ނުކުރިޔަސް ދޭތެރެ ދޭތެރެއިން ކެޓްރީނާގެ އެޕާޓްމެންޓުން އޭނާ ނުކުންނަތަން ފެނިފައިވެ އެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައިވެސް ވިކީ އެގެއަށް ގޮސްފައިވާއިރު މިދިޔަ ލޮކްޑައުން ތެރޭގައި ވިކީ އެގެއަށް ދިޔަ ދުވަހު ނޫން އަނެއް ދުވަހު ދެ ތަރިން ކޯވިޑަށް ޕޮސިޓިވްވިކަން ހާމަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް