މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅަން ހަމަޖެހިފައިވާ "ތިލަ މާލޭ" ބްރިޖުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އިވެލުއޭޝަން ނިންމާލެވޭނެ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް އަމަލީ މަސައްކަތްކުރުމަށް ކުންފުންޏަކާއި ހަވާލުކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.
ތިލަފުއްޓާއި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ބްރިޖަކުން ގުޅާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވަދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ހާލަތުވިޔަސް އެ މަޝްރޫއަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި ތާވަލާއި އެއްގޮތަށް މިހާރުވެސް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ.
ހަމައެކަނި ދިމާވެފައިވާ ލަސްކަމަކީ ކޯވިޑާއި ގުޅިގެން ބޮޑެތި ފިޔަވަޅުތަކަކަށްފަހު އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ދާދި ފަހުން ހުޅުވާލުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބްރިޖު އެޅުމަށް 400 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ދީފައިވެ އެވެ. އެގައުމުން ބްރިޖު އަޅަން ހިލޭ އެހީ ދީފައި ވީނަމަވެސް އެހީގެ ބޮޑު ބަޔަކީ ލޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް