މާލޭގައި ބުޅާ ފެސިލީޓީއެއް ހަދަން ނިންމީ ކުރީގެ ކައުންސިލުން: ޝިފާ

މާލޭގައި ބުޅަލަށް ހައްސަކޮށް ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމީ މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރުގައި ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. ޝިފާ ވިދާޅުވީ ބުޅާ ފެސިލިޓީ ...

09 Jun 2021 | 05:48

މާލޭގައި ބުޅަލަށް ހައްސަކޮށް ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމީ މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރުގައި ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. ޝިފާ ވިދާޅުވީ ބުޅާ ފެސިލިޓީ ހެދުމަށް ނިންމީ ހުޅުމާލޭގައި ކަމަށެެވެ.

ޝިފާ މިހެން ވިދާޅުވީ ބުޅާ ފެސިލިޓީ އެއް ގާއިމުކުރަން މިހާރުގެ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ބުނެ ފަތުރަމުންދާ ހަބަރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިފާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ މިދިޔަ ދައުރުގައި އެ ނިންމުން ނިންމުމަށްފަހު، ޕްރޮޖެކްޓު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ހެދިފައިވާ ކަމަށެވެ. އަދި އެތަން ގާއިމުކުރާނެ ޖާގަ ވެސް ލިބިފައިވާނެ ކަމަށާއި މަސައްކަތް އަވަހަށް ފަށަންވީ ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރަން "ބުޅާ ފެސިލިޓީ" އެއް ހުޅުމާލޭގައި ގާއިމުކުރަނީ މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ 3000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަރުކޮޅުފުށީގެ 790 ސްކެއާ މީޓަރުގެ ބިމެއްގައި ކަމަށެވެ. އެގޮތުން މި ފެސިލީޓީގައި ބުޅަލަށް ވެކްސިން ދެވި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޝިފާ މިހެން ވިދާޅުވި އިރު ބުޅާ ފެސިލިޓީ ހެދުމަކީ މި ދައުރުގެ މަސައްކަތެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައެއް ނުވެ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ކުރީ ދައުރުގައި ނިންމާފައިވާ ގޮތަށް ބުޅާތައް ގެންގުޅުމަށް ފެސިލިޓީއެއ ހެދުމުގެ މަސައްކަތް އެޗްޑީސީ އާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް