ނަޝީދު ވިދާޅުވަނީ ބޭރު ދުނިޔެއިން ރާއްޖެ ބަލައިގަންނަނީ ޑިމޮކްރަސީގައި ކުރިއަށްދާތީ ކަމަށް

ބޭރު ދުނިޔެއިން ރާއްޖެ ބަލައިގަންނަނީ ޑިމޮކްރަސީގެ މަގުގައި ކުރިއަށްދާތީ ކަމަށް ރައްޔިތުންގެެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހ...

09 Jun 2021 | 04:24

ބޭރު ދުނިޔެއިން ރާއްޖެ ބަލައިގަންނަނީ ޑިމޮކްރަސީގެ މަގުގައި ކުރިއަށްދާތީ ކަމަށް ރައްޔިތުންގެެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ނަޝީދު ވިދާޅުވީ ރާއްޖެ ބައިނަލްއަގުވާމީ އާއިލާއަށް ހުޅުވި, ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ބަލައިގަނެ, ޑިމޮކްރަސީގެ މަގުގައި ކުރިއަށްދާކަމީ ބައިނަލްއަގުވާމީ އާއިލާއިން ވެސް ރާއްޖެ ބަލައިގަންނަ އެންމެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

"އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއިން ބަލައިގަންނާނީ ފަޚުރުވެރި ގައުމެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޝާހިދަކީ ހާރިޖީ، ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ފަހުރުވެރި ހިދުމަތްތަކެއް ކުރައްވާފައިވާ ކުޅަދާނެ ޑިޕްލޮމޭޓެއް ކަމަށެވެ. އަދި އދ. ގެ 76 ވަނަ ދައުރަށް ރާއްޖެ އިންތިހާބުވުމަކީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ހުރިހާ ގައުމަކަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް