ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 8:50 ހާއިރު އެވެ. އެކްސިޑެންޓުގައި އަނިޔާވެގެން ތިން ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތުދެ އެވެ. އެ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިޔާ ސޯލިހު ވިދާޅުވީ ތިން މީހުންގެ ތެރެއިން އެކަކަށް މާބޮޑު އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ.
އެންމެ ބޮޑަށް ސީރިއަސް ވެގެން ފަރުވާދެމުންދަނީ 24 އަހަރުގެ ފިރިހެނަކަށެވެ. އާޝިޔާ ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމުން އާއިލާއިން އެދިގެން މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ. މާބޮޑު އަނިޔާއެއް ނުލިބޭތީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 18 އަހަރުގެ ފިރިހެނެކެވެ.
މީގެ އިތުރުން މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 18 އަހަރުގެ ދެވަނަ މީހާ ވަނީ އާއިލާއިން އެދިގެން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައި އެވެ. އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ 18 އަހަރުގެ ދެ ޒުވާނުން ދުއްވި ސައިކަލް 24 އަަހަރުގެ ޒުވާނާ ޖޮގިން ނިންމާފައި ގެއަށް ދަނިކޮށް އޭނާ ގައިގަ ޖެހިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިދިޔަ ހަފްތާގައިވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް