ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު 36 އަހަރުގެ ފިރިހެނަކު ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފިއެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކުޅުދުއްފުށި ޕޯސްޓް އޮފީހުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް މިމަހުގެ 5 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށިންނެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ނަމުގައި ހުރި ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި 563 ގްރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް