އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މަންދޫބުގެ ގޮނޑިއަށް ވާދަކޮށް ނާކާމިޔާބުވިޔަސް އެ ގޮނޑިއަށް ވާދަ ކުރުމަށް އަވައްޓެރި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ. ރާއްޖެއަށް 46 ގައުމުގެ ވޯޓު ލިބުނު އިރު އިންޑޮނޭޝިއާ ގޮނޑި ކާމިޔާބު ކުރީ 146 ވޯޓުންނެވެ. އެ ވޯޓަކީ ސިއްރު ވޯޓެއް ކަމުން އިންޑިއާ ވޯޓު ލީ ރާއްޖެއާއި އެއްކޮޅަށް ކަމެއް ނުވަތަ އިންޑޮނޭޝިއާ އާއި އެއްކޮޅަށް ކަމެއް ނޭނގެ އެވެ.
ސަފީރު އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ގޮނޑި ހޯދުމަށް ކުރި މަސައްކަތުގައި އިންޑިއާއިން ވެދިން އެހީތެރި ކަމަށް އެ ގައުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި އެކު އިންޑިއާ ވާކަން ލިޔުމުން މިމަހުގެ ހަތް ވަނަ ދުވަހު އެ ގައުމުން ޔަގީންކޮށްދިން ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.
އިންޑިއާއިން ދިން އެއްބާރުލުމަށް ސަފީރު ވަނީ ހިންދީ ބަހުން ވެސް ޓުވިޓާގައި ޝުކުރު އަދާކުރައްވާފަ އެވެ.
https://twitter.com/ahmedMDV/status/1005142734682800128
އިންޑިއާއިން ވޯޓު ދީފައިވަނީ ރާއްޖެއާ އެއްކޮޅަށް ކަން އެ ގައުމުގެ އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރެއް ވެސް ނުކޮށްދެ އެވެ.
މިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑޮނޭޝިއާއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ޔޫއެންއެސްސީ އޭޝިއާ ޕެސިފިކް މެންބަރުކަމުގެ މަގާމަށް އިންޑޮނޭޝިއާއިން ވާދަ ކުރާތީ އެ މަގާމަށް އެ ގައުމު ހޮވައިދިނުމަށް އިންޑިއާގެ ސަޕޯޓަށް އިންޑޮނޭޝިއާގެ ސަރުކާރުން އެދުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް