ވީމީޑިއާގެ ދަށުން ހިންގާ ވީނިއުސްގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ރިފާއު ބުނީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އިއްޔެ ހައްޔަރު ކުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް އަހުމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ހައްޔަރު ކުރުމާއި ގުޅޭގޮތުން ލިޔުނު ހަބަރަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އެކަމާ ގުޅޭގޮތުން ލިޔެފައިވާނީ އެންމެ ހަބަރެއް ނޫން ކަމަށާއި އެކަމަކު ހާޒިރު ކުރަނީ އޭގެ ތެރެއިން ކޮން ހަބަރަކާއި ގުޅޭގޮތުންކަން ނޭނގޭ ކަމަށެވެ.
ރިފާއުއަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ފުރަތަމަ އެންގީ މިރޭ 8:30 އަށެވެ. އެކަމަކު އެގަޑީގައި ދެވެން ނެތް ކަމަށް އެންގުމުން މާދަމާރޭ އެގަޑިއަށް ބަދަލުކޮށްދީފައިވާ ކަމަށް އޭނާ ބުނެ އެވެ.
ރިފާއު އަކީ މީޑިއާ ކައުންސިލްގެ މެންބަރެކެވެ. ރިފާއު މީޑިއާގައި ބުނެފައިވަނީ މީޑިއާ ކައުންސިލަށް އޭނާ އާއި ގުޅޭ ޝަކުވާއެއް ހުށަހެޅުމަކާއި ނުލައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރާތީ ކަންބޮޑުވާ ކަމަށެވެ.
"ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިޔަސް ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ ހައްގު ބޭނުން ކުރާނަން،" ރިފާއު ބުންނެވެ.
މިފަހަކަށް އައިސް ނޫސްވެރިންނާއި ގުޅޭ ތަފާތު މައްސަލަތައް އެކި އިދާރާތަކުން ބެލުން އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް