އާޔަތެއްގެ ހިޔަލުގައި: އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެބައިމީހުންނަށް އިސްކަންދެތެވެ

﴿ وَيُؤثِرُونَ عَلَىٰ أَنفُسِهِمْ ﴾ "އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެބައިމީހުންނަށް އިސްކަންދެތެވެ." الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. އިސްލާމްދީން ފާޅުވެ...

09 Jun 2017 | 07:23

﴿ وَيُؤثِرُونَ عَلَىٰ أَنفُسِهِمْ ﴾

"އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެބައިމީހުންނަށް އިސްކަންދެތެވެ."

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީން ފާޅުވެގެން އައި ދުވަސްވަރު މީސްތަކުންނަށް މިދީންވެގެން ދިޔައީ ވަރަށް ޢަޖައިބުކަމަކަށެވެ. ވަކިން ޚާއްޞަކޮށް އެތައްބައިވަރު ބުދަކަށް އަޅުކަންކުރަމުން ދިޔަ މައްކާގެ މުޝްރިކުންނަށް މިދީނުގެ ކަންކަން ބަލައިގަންނަން ނުހަނު ދަތިވިއެވެ. ނަތީޖާއެއްގެ ގޮތުން މުޝްރިކުންގެ ކިބައިން ރަސޫލާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ގިނަ އުނދަގޫތަކާއި ދުއްތުރާތައް ކުރިތަމިވިއެވެ. އަދި ކެތްނުކުރެވޭ ހިސާބަށް ކަންތައްތައް ދިޔުމުން، ގިނަ ޞަޙާބީބޭކަލުންތަކަކަށް ޖެހިވަޑައިގަތީ މައްކާ ދޫކޮށް ހިޖުރަކުރައްވާށެވެ.

މައްކާގެ މުޝްރިކުންގެ ކިބައިން ދިމާވި މިހިތްދަތިކަމާއެކު އެބޭކަލުންގެ ގާތްތިމާގެ މީހުންނާއި އުފަންރަށާއި ގެދޮރާއި މުދަލާ ދޫކޮށް ހިޖުރަކުރެއްވީ މުޅިން ބީރައްޓެހި ތަނަކަށެވެ. އެއީ މަދީނާގެ މާތް ބިމަށެވެ. ފަޤީރު ޙާލުގައި މަދީނާއަށް ހިޖުރަކުރަން ޖެހުނެއްކަމަކު، އެބިމުގައި އެބޭކަލުން ނިކަމެތިވާން ނުޖެހުނެވެ. އެތަނުގައި ތިއްބެވި އަންޞާރިއްޔަ ބޭކަލުން، މުހާޖިރިއްޔަ ބޭކަލުންނާމެދު ބެހެއްޓެވީ އާދަޔާ ޚިލާފު ގާތްކަމެކެވެ. އަދި އެބޭކަލުން ދިޔައީ ޚުދު އެބޭކަލުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށްވެސް މުހާޖިރިއްޔަ ބޭކަލުން އިސްކުރައްވަމުންނެވެ. މިކަން ބަޔާންރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ﴾ [سورة الحشر ٩]

މާނައީ: "އަދި އެއުރެންގެ ކުރީގައި، މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެތެވެ. އަދި އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނައެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."

އަދި ޞަޙާބީ ބޭކަލުންގެ ޖީލުތަކަށް ފަހުގައި ވަޑައިގަތް ޖީލުތަކުގައިވެސް، އެއް މުސްލިމަކު އަނެއް މުސްލިމެއްދެކެ ލޯބިވުމާއި އަނެއް މުސްލިމު އަޚާއަށް އަބަދުވެސް އިސްކަން ދިނުން އޮތީ ވަރަށް މަތީ ދަރަޖައެއްގައެވެ.

ހައިޘަމު ބުން ޖަމީލު ވިދާޅުވިއެވެ. އަލްޙަސަން ބުން ޔަޙްޔާގެ އަރިހަށް ފުޟައިލު ބުން މަރުޒޫޤު ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަތްމަތި އެކީ ހުސްވެފައިވާކަމަށް ވިދާޅުވިއެވެ. ފަހެ އަލްޙަސަނު ތެދުވެވަޑައިގެން ހަ ދީނާރުދެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތުގައި އެނޫން އެއްޗެއް ނެތްކަމުގައި ވިދާޅުވިއެވެ. ފަހެ ފުޟައިލު ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަތުގައި މިނޫން އެއްޗެއް ނެތް އިރު ތިމަންކަލޭގެފާނު (މި އެކީ) ނުނަންގަވާނަމެވެ." އެއަށްފަހު ތިން ދީނާރު ނަންގަވާފައި އަނެއްބައި އަނބުރާދެއްވިއެވެ.

އަދި ޢައްބާސް ބުން ދުހްގާނު ވިދާޅުވިއެވެ. "ބިޝްރު ބުން އަލްޙާރިޘް ފިޔަވާ އެއްވެސް މީހަކު، މިދުނިޔެއަށް ވަތް ގޮތަށް މިދުނިޔެއާ އަލްވަދާޢު ނުކިޔައެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅުގައި މީހަކު އައިސް އެހީއެއް ދެއްވުމަށް އެދިވަޑައިގަތެވެ. ފަހެ (އިތުރު އެއްޗެއް އަތުގައި ނެތުމުން) އެކަލޭގެފާނުގެ ހެދުން ކޮޅު އެމީހާއަށް ދެއްވިއެވެ. ދެންފަހެ އެކަލޭގެފާނު ހެދުމެއް އެހެން ބޭކަލެއްގެ އަތުން އަނބުރާ ދޭގޮތަށް ނަންގަވައިގެން ތުރުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެހެދުމުގައެވެ."

އަދުގެ މުސްލިމު މުޖުތަމަޢުތަކުގައި ފެންނަ ޢަދާވާތްތެރިކަމާއި ރުޅިވެރިކަމާއި ނަފްރަތާއި ދެކޮޅުވެރިކަން، އެބޭކަލުންގެ ޢަމަލުތަކާ އަޅާ ކިޔާލުމުން އެނގިގެންދަނީ އަޅުގަނޑުމެންގެ އީމާންކަމުގައި ޙަޤީޤަތުގައިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަމެވެ. އަދި އަޅުގަނޑުމެންގެ ބަހާ ޢަމަލު، އިސްލާމްދީނާ ދުރުވެފައިވާ މިންވަރެވެ. މިއަދު ބައެއް މީހުން މަސައްކަތްކުރަނީ އެމީހުންގެ ގާތަށް މީހަކު އަތުވެއްޖެނަމަ އޮޅުވާލައިގެން ވިޔަސް ނުވަތަ ބިރުދައްކައިގެންވިޔަސް އެމީހަކު ލޫޓުވާލެވޭތޯއެވެ. ނުވަތަ އެހެން މީހުންނަށް ކުރިއެރުމެއް ލިބޭނަމަ އެކަމަށް ހުރަސްއެޅޭތޯއެވެ. އަދި މިކަންކަން ޙާޞިލުކުރުމުގައި އެކަކު އަނެކަކަށް ބޮޑެތި ގެއްލުންތައްދީ ގޯނާތައްކޮށްވެސް އުޅެއެވެ. ﷲ ތަޢާލާ ރަޙުމަތްލެއްވި މަދު ބަޔަކު މެނުވީ މީސްތަކުންނަށް ރަޙުމުކޮށް ހެޔޮ ފޯރުކޮށްދީ ނޫޅެއެވެ. ތިބާ އެދޭ ރަނގަޅު ކަންތައްތައް ތިބާގެ މުސްލިމު އަޚާއަށް އެދުމަކީވެސް އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ލިޔުއްވީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް