ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 44 މެމްބަރެކެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރެކެވެ.
ބިލް ބަލައިގަނެ ދިރާސާ ކުރުމަށް ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.
މި ބިލް ހުށަހަޅުއްވަމުން މުހައްމަދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު، އެފަދަ ޒުވާނުންނަށް އެކަމަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި އަސާސީ ޕެންޝަން ލިބެންޖެހޭ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ ބުރަ އަދި އެހާމެ ޒިންމާދާރު ވަޒީފާއެއް ކަމަށް ވާތީ، އެ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނައިބު ރައީސްކަން ދޭންކަން ވަނީ އަޑު ފެތުރިފަ އެވެ. އަދީބުގެ މިހާރުގެ އުމުރަކީ 34 އެވެ.
އުމުރުން 65 އަހަރަށް ވުރެ ދޮށީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް އިސްލާހު ގެންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަމާޒުކޮށް ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް