ޙައްޖުގެ އަޅުކަން އަދާކުރުމަށް އެމް.އޭ.ސީ.އެލްގެ 10 މުވައްޒަފަކަށް ފުރުސަތު ދީފި

1445 ވަނަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމް.އޭ.ސީ.އެލް) ހައްޖަށް ފޮނުވާ މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ. އެމް.އޭ.ސީ.އެލް ޙައްޖު ސްޕޮންސަޝިޕަކީ ކުންފުނީގައި ގިނ...

09 May 2024 | 10:29

1445 ވަނަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމް.އޭ.ސީ.އެލް) ހައްޖަށް ފޮނުވާ މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.

އެމް.އޭ.ސީ.އެލް ޙައްޖު ސްޕޮންސަޝިޕަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕްއެކެވެ.

މިކަމަށްޓަކައި މިއަދު ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން އަދި ޙައްޖު ސްޕޮންސަރޝިޕް ލިބުނު މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މުވައްޒަފުންނަށް ޙައްޖުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެކު ކުރެވުނު މަސައްކަތްތަކުން އެފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މީގެ އިތުރުން ކުންފުނިން މިކަމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލް އިން މި ފުރުސަތު ލިބުނު 10 މުވައްޒަފުންނަކީ:

  • ޢަބްދުލް ލަތީފް ޢަލީ - އެމްޕްލޯއީ ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް
  • އަޙްމަދު ޖަލީލް - އެމްޕްލޯއީ ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް
  • މުޙައްމަދު ރަޝީދު އަބްދުއްﷲ - ވޯޓާ އެންޑް  ސްވަރޭޖް  ސަރވިސަސް
  • އަޙްމަދު ޢާދިލް - މެކޭނިކަލް ސަރވިސަސް
  • ޢަލީ ރިޔާޒް އިސްމާޢީލް - އޭރޮނޮޓިކަލް އިންފޮމޭޝަން ސަރވިސަސް
  • އިބްރާހިމް ސިރާޖު - ޓަރމިނަލް ފެސިލިޓީ  މެނޭޖްމަންޓް
  • އިބްރާހިމް ޚާލިދު - އެއަރ ޓްރެފިކް  ސަރވިސަސް
  • އަޙްމަދު އިބްރާހިމް - ފިއުލް ސަރވިސަސް
  • ޙައްވާ ޝަޒްދާ - ބެގޭޖް ސަރވިސަސް
  • ޖީޒާ މުޙައްމަދު – ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލްރިވަރޑްސް

2017 ވަނަ އަހަރުން ފެށިގެން އެމް.އޭ.ސީ.އެލްއިން މުވައްޒަފުންނަށް ޙައްޖުގެ 10 ފުރުސަތު ހޯދައިދެމުން ގޮސްފައިވެއެވެ. އަދި ކޮވިޑުގެ ޢާލަމީ ވަބާއާއި ގުޅިގެން މެދު ކެނޑުމަށްފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 5 ފުރުޞަތުގައި 5 މުވައްޒަފުންނަށް ޙައްޖު ސްޕޮންސަރ ދެވިފައި ވެއެވެ. އަދި މިއަހަރުގެ ކޯޓާ އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 10 ބޭފުޅުންނަށް ފުރުޞަތު ދެވިފައިވާކަން އުފަލާއިއެކު ފާހަގަ ކުރަމެވެ. ޙައްޖުގެ ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

އެމް.އޭ.ސީ.އޭލްއިންދަނީ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް