ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 41 ވަނަ އަހަރީ އާންމު ޖަލްސާ މި ހިނގާ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައި ޖަލްސާގެ ނޯޓިސް އާންމުކޮށްފިއެވެ.
އެ ނޯޓިސްގައި ބުނެފައިވާގޮތުގައި ބޭންކުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 28 މެއި 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެން ގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމަންތް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށެވެ.
ޖަލްސާގެ އެޖެންޑާއަށް ބަލައިލާއިރު:
- 25 މާރިޗް 2024ގައި ބޭއްވި ބޭންކުގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
- 31 ޑިސެމްބަރު 2023ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުން
- 2023 ވަނަ އަހަރަށް ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
- 2023 ވަނަ އަހަރަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން
- 2024 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން
- ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން
- ހިއްސާދާރުންގެ ޚިޔާލު ފާޅުކުރުން
ބޭންކްގެ އަހަރީ އާންމު ޖަލްސާއަކީ ހިއްސާދާރުންނާ ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތަކަށްވުމާއެކު، ވީހާވެސް ގިނަ ހިއްސާދާރުން އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ ބީއެމްއެލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެ ބޭންކުން ބުނެއެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރު އެ ބޭންކަށް ލިބުނު ފައިދާގެ ގޮތުގައި ފައިދާގެ ގޮތުގައި ހިއްސާއަކަށް 50.00ރ (ފަންސާސް ރުފިޔާ) ގެ މަގުން ޖުމްލަ 269،069،000ރ (ދުއިއްސަތަ ފަސްދޮޅަސް ނުވަ މިލިޔަން، ފަސްދޮޅަސް ނުވަހާސް ރުފިޔާ) ބެހުމަށް ހުށަހެޅުމަށް ނިންމާފައިވެއެވެ.
އަދި މީގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުން އަދި އައްޔަންކުރުން މި ޖަލްސާގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް