ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މުޅިން އާ އޭޓީއާރު 600 – 42 މަރުކާގެ މަތިންދާބޯޓެއް ގެނެސްފިއެވެ.
މި މޭލުދަނޑި ފާހަގަކުރުމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދަޢުވަތު އެރުވުނު ޚާއްޞަ މެހެމާނުންނާއި ކުންފުނީގެ މުވައްޒަފުންނާއި ދާއިރާގެ މުހިންމު ބައިވެރިވެރީން ވަނީ ބައިވެރިވެފައެވެ.
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގުޅިފައިވާ މަތިންދާބޯޓުގެ ސަބަބުން އެ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރެވި އަދި ރޫޓުތަކަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވި ދިވެހިންނަށާއި ފަތުރުވެރިންނަށް ކަނެކްޓިވިޓީ އިތުރުކުރެވި، ފަސޭހަކަމާއެކު ދަތުރުތައް ހަމަޖެއްސޭނެ ކަމަށާއި މީގެ އިތުރުން، މި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއެކު އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެއްކަން މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އިސްތިރާޖީ ރޭވުންތައް ތަރައްޤީކުރުމަށްޓަކައި އައު މަތިންދާބޯޓުފަހަރުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ފްލީޓަށް އިތުރުވާ މި އައު މަތިންދާބޯޓާއެކު ފަސިންޖަރުންނަށް ކުރެވޭ ތަޖުރިބާ އަދި އޮޕަރޭޝަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކއް ލިބިގެންދާނެ. މި ބޯޓޫން ތަފާތު ހިތްހަމަޖެހުމެއް ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާ އެގޮތުން މި މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލުކުރެވިފައިވާ ރަނގަޅު ނިޒާމަކާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވުން ހިމެނޭ" މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޒަމާނީ އެވިއޮނިކްސް އާއި ޚާއްޞަ ފިއުލް އިކޮނޮމީއަކީ އެކުންފުނީގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމާއި ޒަމާނީ މި އައު މަތިންދާބޯޓަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާޙާލު ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަޅުގަނޑުމެންދޭ ޚިދުމަތް ރަނގަޅުކުރެވި ކުރާއިތުބާރު އިތުރުވާނެކަމުގެ އުންމީދު ކުރެވޭ ކަމުގައިވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމޭނުންނަށް މަތިންދާބޯޓުގެ އެތެރޭގައިވާ ތަނަވަސް ކެބިން އާއި ޒމާނީ ނެވިގޭޝަން ސިސްޓަމްތަކާއި ތިމާވެއްޓާ ރައްޓެހި ޑިޒައިން ވަނީ ދައްކާލާފައެވެ. މި އައު މަތިންދާބޯޓަކީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާ ކުރެވިފައިވާ ބޯޓަކަށްވެފައި އައު ބޯޓުގެ ސަބަބުން އިތުރުވަމުން އަންނަ ޑިމާންޑަށް ކޭޓަރކުރުމަކީ މޯލްޑިވިއަންގެ އުއްމީދެއްކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
"މިއީ އޭވިއޭޝަން އިންފްރާސްޓްރަކްޗަރ އިތުރަށް ކުރިއެރުވުމަށް މޯލްޑިވިއަނުން އިސް ނަގައިގެންކުރަމުންގެންދާ މަސައްކަތުގެ ބައެއް، ހަތަރުވަނަ އޭޓީއާރު 42-600 މަތިންދާބޯޓު އިތުރުވުމަކީ ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށާއި ހުރި ފުރުޞަތުތައް އިތުރުކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް" މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓް ކުރެވެމުންދެއެވެ. މީގެ ތެރޭގައި އެއާބަސް A320 މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާ ބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ. އަލަށް ގެނެވެމުންދާ އައު އޭޓީއާރު މަރުކާގެ މަތިންދާ ބޯޓުތަކަކީ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ބަދަލުކުރުމަށް ކުރެވޭ މަސައްކަތަކަށްވެފައި، މިއީ މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށްޓަކައި އެޅޭ އިތުރު ފިޔަވަޅެއްކަން މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް