ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ވެރިރަށް އިސްލާމް އާބާދުގެ ހައި ކޯޓުގައި އޭނާ އާއި ދެކޮޅަށް ކުރިޔަށްދާ ޝަރީއަތުގެ އަޑު އެހުމަށް ވަޑައިގެންނެވިތަނާ ހައި ކޯޓު ތެރެއިންނެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެކެވެ.
އިމްރާން ގަބޫލު ކުރައްވާގޮތުގައި އެ ދައުވާ އުފުލީ ސިޔާސީ ގޮތުންނެވެ.
ރިޕޯޓުތައް ބުނާގޮތުން ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ތިބި އަސްކަރީ ފުލުހުންތަކެއް އިމްރާން ހައްޔަރު ކުރީ ވަރަށް ޑްރެމެޓިކް ގޮތަކަށެވެ. އޭނާ ހައްޔަރު ކުރި ގޮތާއި މެދު ހައިކޯޓުން ހިތްހަމަ ނުޖެހިގެން ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ވެރިން 15 މިނެޓު ތެރޭގައި ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނެވެ.
އަދި ފަހުން ވަނީ އިމްރާން ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމާފައި އެވެ.
އިމްރާންގެ ވެރިކަން ވައްޓާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ އެ ގައުމުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ކެމްޕެއިންކޮށް ވަރުގަދަ މުޒާހަރާތައް ބާއްވަމުންނެވެ.
އެފަދަ މުޒާހަރާއެއްގެ ތެރެއިން މީގެ ކުރިން އޭނާ ގަޔަށް ބަޑި ޖެހި ނަމަވެސް މާބޮޑު ޒަހަމެއް ނުލިބި ސަލާމަތްވެފައިވެ އެވެ. އަދި ހައްޔަރު ކުރަން މަސައްކަތް ކުރި ނަމަވެސް ސަޕޯޓަރުންގެ ހުރަހާއި ހެދި ހައްޔަރު ނުކުރެވެނީ އެވެ.
ޕާކިސްތާނުގައި އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ފަހުކޮޅު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް