ބޮލީވުޑް އަދި ޓަމަޅަ މަޝްހޫރު ފިލްމީ ތަރި ރަޝްމިކާ މަންޑަނާ ދޮގު ހެދިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަދެ އެވެ.
ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާގައި ވެޖިޓޭރިއަން އާއި ނޮން ވެޖިޓޭރިއަން މީހުންނަކީ ވަރަށް ބޮޑަށް ފާހަގަކޮށް ކެއުމުގައި ބޮޑެތި ތަފާތުތައް ގެންގުޅޭ މީހުންނެވެ. ވެޖިޓޭރިއަންގެ މެޖޯރިޓީންނަކީ ހިންދޫންނަށް ވާއިރު އެމީހުން ކެއުމުގައި އެއްގަމު އަދި ކަނޑު މަސް ނުކާނެ އެވެ.
ރަޝްމިކާ ވަރަށް ކުރިން ދީފައިވާ އިންޓަވިއެއްގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ ވެޖިޓޭރިއަން އެވެ. އަދި އޭނާ އެއްވެސް ގޮތަކަށް މަހުގެ ބާވަތްތައް ނުކަ އެވެ.
އެކަމަކު ދާދި ފަހުން ރިލީޒް ކުރި މެކްޑޮނަލްޑްސްގެ އިޝްތިހާރަކާއި އެކު އޭނާ ހެދީ ދޮގެއް ކަމަށް ބުނެ ރަޝްމިކާ ވަނީ ހޫނު ފެނަށް ވައްޓާލާފައި އެވެ. ފާޑުކިޔަމުންދާ މީހުން ބުނި ގޮތުގައި އިޝްތިހާރުން ފެންނަނީ އޭނާ ނޮން ވެޖް ބާގާއެއް ކަނިކޮށެވެ.
ސޯޝަލް މީޑީއާގައި ދަނީ ރަޝްމިކާއަށް ފާޑުކިޔައި ތަފާތު ވިޑިއޯތައް ހަދައި އޭނާގެ ކުރީގެ އިންޓަވިއު އާއި ގުޅުވައިގެން އެޑިޓްކޮށް އާންމު ކުރަމުންނެވެ. މީހުން ބުނި ގޮތުގައި އެހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް ރަޝްމިކާއަކީވެސް ދޮގު ހަދާ އޮޅުވާލާ މީހެއް ކަމަށާއި ތަރިން ފައިސާއަށް ނުކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.
އަދި ސިއްހަތަށް ފައިދާ ނޫން ކާނާގެ ގޮތުގައި ސިއްހީ ތަޖުރިބާ ކާރުން ކަނޑައަޅާފައިވާ ބާގާ ފަދަ އެއްޗެއްގެ އިޝްތިހާރު އޭނާ ކުޅެފައިވާތީ އެކަމަށްވެސް ދަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި އާންމު ދިރިއުޅުމުގައި ބާގާ ފަދަ އެއްޗެހި ފިލްމީ ތަރިން ނުކައި އިޝްތިހާރުތައް ކުޅެ، އާންމުންނަށް އެފަދަ އެއްޗެހި ކާން ބާރު އަޅަނީ ކަމަށެވެ.
ރަޝްމިކާ އާއި އެއްކޮޅަށް ވާހަކަ ދައްކަމުންދާ މީހުން ބުނަމުން ދަނީ ވެޖިޓޭރިއަން އަކުން ނޮން ވެޖިޓޭރިއަން އަކަށް ބޭނުން ދުވަހަކު ބަދަލުވުމުގެ އިހްތިޔާރު އޭނާއަށް އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް