ކަޒަކަސްތާނަށް ދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރަން ފަށައިފި

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެޤައުމުގެ މެދުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގ...

09 May 2022 | 11:14

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ދެޤައުމުގެ މެދުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.

މިއަދު ސޮއި ކުރެވުނު 'އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް"ގެ ދަށުން ދެޤައުމުގެ ރައްޔިތުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށާއި، މިއަދު ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓްއާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް