ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ގައި

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ގެ ރޭ 08:30 ގައި ބޭއްވުމަށް ނިންމައިފިއެވެ. ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާ ކުރިއަށް ގ...

09 May 2022 | 05:50

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ގެ ރޭ 08:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެފައިވަނީ ޕްރީ-ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށްކަމަށެވެ.

ހޮޓެލް ޖެންގައި ބާއްވާ މި ޖަލްސާގައި ބައިވެރިވެޑައިގަތުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ޕްރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުން އޮންނާނެއެވެ.

އަދި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ އުޖޫރަ ކަނޑައެޅުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމާއި، ޗެއަރޕާސަންގެ އުޖޫރައާއިމެދު ގޮތެއް ކަނޑައެޅުން އޮންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން މިމަހުގެ ނުވަ ވަނަ ދުވަހުން 27 ވަނަ ދުވަހަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓްރީ ފުރިހަމަކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ބީއެމްއެލްއިން ބުނެއެވެ.

ނިމިދިޔަ އަހަރުގެ އިންޓެރިމް އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާގެ މަގުން ޖުމްލަ ދުއިސައްތަ ފަންސާސް އަށް މިލިއަން، ތިންލައްކަ ތިރީސްދެހާސް ސަތޭކަ ފަސްދޮޅަސް ރުފިޔާ ބެހުމަށް ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާއިން ފާސްކުރަމަށްޓަކައި ހުށަހެޅުމަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް