މާލޭގައި ގްރޫޕް މާރާމާރީ ހިންގާ މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ހަތް މީހަކު ހޯދަން ވަނަވަރާއި ފޮޓޯ އާއި އެކު ފުލުހުން އިއުލާނު ކުރީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަ ކުރީ މިއަދު އެވެ.
ހައްޔަރުކޮށްފައިވާ ތ. ތިމަރަފުށި/ ސީނުގެ، އުމުރުން 22 އަހަރުގެ އަޙްމަދު ޝިމްހާޒު އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، އުމުރުން 18 އަހަރުގެ ލޫޠު އަޙްމަދު އާސިފް އެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މާލެއިންނެވެ.
ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
މި ދެމީހުންނަކީ މިމަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ދެ މީހުންނެވެ. މި ދެމީހުންނާއި އެކު ހޯދަން އިއުލާނު ކުރި އަނެއް ފަސް މީހުން ހޯދުމުގެ މަސައްކަތް އަދި ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިމައްސަލައިގަ މިހާރު ފުލުހުން ހޯދަމުން ދަނީ މާލެ/ ދަފްތަރު ނަންބަރު ރސ2260، އުމުރުން 27 އަހަރުގެ މަޢުޞޫމް މުޙައްމަދުދީދީ، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އުމުރުން 24 އަހަރުގެ އަޙްމަދު ރަބީޢު، ގއ. ގެމަނަފުށި/ ކެނެރީގެ، އުމުރުން 27 އަހަރުގެ އަޙްމަދު ނާޒިހު އާއި އައްޑޫ ސިޓީ ހުޅުދޫ/ ނާދީ، އުމުރުން 20 އަހަރުގެ މުނާދު ޖަޢުފަރު ގެ އިތުރުން އައްޑޫ ސިޓީ މަރަދޫ/ ކޮރަލް، އުމުރުން 21 އަހަރުގެ އަޙްމަދު ސާތިޢު އެވެ.
މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް