އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސުޕާމާކެޓެއްގައި ހަލާލް ސްޓިކާ ޖަހާފައި ނެތް ގެރިމަސް ޕެކެޓު ވިއްކަން ނެތިގެން އެ ތަނުގެ މުވައްޒަފުންނަށް ބަޔަކު ހަމަލާދީފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ކެރެލާގެ ޑިސްޓްރިކްޓެއްކަމަށްވާ ކޮޒީކޯޑޭގެ ޕެރަމްބަރާ ޓައުންގައި އެވެ. މި ހާދިސާގައި އެތަނުގެ ތިން މުވައްޒަފަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.
އެ މުވައްޒަފުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ފިހާރައަށް ދިޔަ ދެ ފިރިހެނަކު އެދުނީ ހަލާލް ލޯގޯ ނެތް ގެރިމަސް ޕެކެޓު ވިއްކުމަށެވެ. ލޯގޯ ނުޖަހާ ޕެކެޓު ނެތް ކަމަށް ބުނުމުން ހިތް ހަމަ ނުޖެހިގެން ފުރަތަމަ ހަޑި ހުތުރު ބަހުން މުއާމަލާތް ކުރުމަށް ފަހު ހަމަލާދިނީ ކަމަށް އެމީހުން ބުންޏެވެ.
އެ މުވައްޒަފުން ބުނީ ފަހުން އެހެން ބަޔަކުވެސް އެ ދެމީހުންނާއި ބައިވެގެން މުވައްޒަފުންނަށް ހަމަލާދޭން ހިތްވަރު ދިން ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ ފިހާރައަށް ދިޔުމުން އެކަކު ވަނީ ފިލާފަ އެވެ. ފުލުހުންނަށް އަތުލައި ގަނެވުނީ އެކަކެވެ.
މިފަދަ ހާދިސާތައް މިފަހުން ކެރެލާގައި ހިނގުން ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭކަރީއަކުން ހަލާލޯގޯ ނުޖަހާ އެއްޗެއް ނުވިއްކައިގެން އެތަނުގެ މުވައްޒަފުންނަށް ހަމަލާދީފައިވެ އެވެ.
އިންޑިއާގެ އެހެން ސްޓޭޓްތަކެކޭ އެއްގޮތަށް މިހާރު ކެރެލާގައިވެސް ވަނީ ބަންދުކޮށްގެން ވިއްކާ ކާތަކެތީގައި ހަލާލް ލޯގޯ ޖެހުމާއި ދެކޮޅު އަދި މުސްލިމުންނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް