މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުނު މޯލްޑިވިއަން ފްލައިޓެއް ރަންވޭއިން ކައްސާލައި ވިނަގަނޑަށް ގޮސްފައިވާއިރު އެ ފްލައިޓުން ދަތުރުކުރި އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުން ކަވަރުކޮށްފިއެވެ.
އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ޓްރެވިސް ހެޑާއި އޭނާގެ ލޯބިވެރިޔާ ޖެސިކާ ޑޭވިސްގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުން ކަވަރުކޮށްފައިވަނީ ޑޭވިސްގެ އިންސްޓަގްރާމް ޕޯސްޓްތަކާއި ސްޓޯރީތަކަށް ބަލައި އެ ދެ ލޯބިވެރިންގެ އިންޓަވިއުތަކާއިއެކުގައެވެ.
އެގޮތުން ޓްރެވިސް އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ބަނޑަށް 22 ހަފްތާ ވެފައިވާ އޭނާގެ ލޯބިވެރިޔާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން އެރި މޯލްޑިވިއަންގެ ފްލައިޓް އެންމެ ފުރަތަމަ އެހެން އެއާޕޯޓަކަށް ލޭންޑްކުރަން އުޅުނީވެސް އެމަޖެންސީ ހާލަތެއް މެދުވެރިވެގެންނެވެ. ލޭންޑްކުރިތަނުން ރަންވޭއިން ކައްސާލައިގެން ވިނަގަނޑަށް ދިޔައީ ކަމަށާއި އެވަގުތު އެ ދެމީހުންވެސް ވަރަށް ބިރުގަތްކަމަށް ބުނެފައިވެއެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ސިފަކޮށްފައިވަނީ މި ހާދިސާގައި ޓްރެވިސް އާއި އޭނާގެ ލޯބިވެރިޔާ ސަލާމަތްވީ ހަމަ ކިރިޔާ ކަމަށެވެ.
އޭނާ ބުނެފައިވަނީ ޕަސިންޖަރުންގެ ރުޅިގަނޑު ފަޅައިގެންދާ ހިސާބަށް ކަންކަން ދިޔަ ކަމަށާއި އެހެން ދިމާވީ އިތުރު ފްލައިޓެއް އަންނަންދެން ޕަސިންޖަރުން މަޑުކުރަން ޖެހުނު ތަނުގައި ފެންވެސް، ގުޅޭނެގޮތެއްވެސް ނެތުމުން ކަމަށެވެ. ރެސްކިއު ފްލައިޓެއް އައީ ހަތަރު ގަޑިއިރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ. އޭނާ ސިފަކޮށްފައިވަނީ އެ ތަޖުރިބާއަކީ ހިތްދަތި ތަޖުރިބާއެއް ކަމަށެވެ.
އެރޭގެ ހާދިސާއާއި ގުޅޭގޮތުން މޯލްޑިވިއަން އިން އެރޭ ބުނެފައިވަނީ އެ ފްލައިޓުން ދަތުރުކުރި އެއްވެސް ޕަސިންޖަރަކަށް، ކްރޫއަކަށް، ކެޕްޓަނަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް