ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން "އަސާނީ" ގެ ބާރު އިތުރަށް ގަދަވެ ބާރުގަދަ ތޫފާނެއްގެ ކެޓަގަރީއަށް ބަދަލުވެއްޖެއެވެ.
މި ތޫފާން ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. މިސްރާބަށް ބަދަލެއް ނައިސް މި ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާގެ އަންދުރަޕްރަދޭޝާއި އޮޑީޝާގެ އައްސޭރިފަށާއި ދިމާއަށެެވެ. އެ ހިސާބަށް ފޯރާނެކަމަށް އަންދާޒާކުރަނީ މާދަމާގެ ވަގުތެއްގައެވެ.
އަނެއްކޮޅުން ސައިކްލޯން ސީޒަނުގެ ބޭރުން ސަދަން ހެމިސްފިއާގައި އުފެދުނު ތޫފާން "ކާރިމް" ގެ މިސްރާބު ހުރީ ވެސްޓް އޮސްޓްރޭލިއާ އާއި ދިމާއަށެވެ. އެ ސަރަހައްދަށް މި ތޫފާނުގެ އަސަރު އޭގެ އެންމެ ބާރުމިނުގައި ފޯރާނީ މާދަމާ ނޫން އަނެއްދުވަހުގެ ވަގުތެއްގައެވެ. ވެސްޓް އޮސްޓްރޭލިއާ ސަރަހައްދަށް، ހާއްސަކޮށް ކުއީންސްލޭންޑަށް ބޯކޮށް ވާރޭވެހިދާނެކަމަށް ލަފާކޮށް "ފްލަށް އެލާޓް" މިހާރުއްސުރެ ވަނީ ނެރެފައެވެ. ތޫފާން ކާރިމްވެސް ތޫފާން އަސާނީ ފަދައިން އެއްވެސް ގައުމެއްގެ މައްޗަަކަށް ނާރާނެއެވެ. ލަފާކުރަނީ ވެސްޓް އޮސްޓްރޭލިއާގެ އައްސޭރިއާ ހަމައަށް ފޯރާނެ ކަމަށެވެ. އަދި ހުކުރު ނޫނީ ހޮނިހިރާއި ހަމައަށް ތޫފާނުގެ ބާރު ދެމިގެންގޮސް އެހާ ހަމައަށް ވިއްސާރަ ކޮށްފާނެ ކަމަށެވެ.
އިންޑިއާއާއި ދިމާއަށް ދަތުރުކުރަމުން އަންނަ ތޫފާން އަސާނީވެސް އިންޑިއާއަށް އަރާނެ ކަމަކަށް ނުބަލައެވެ. ތޫފާން ޖަވާދު ފަދައިން އައްސޭރިފަށުން ގޮސް ބާރު ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް ބާރު ދައްވާނެ ކަމަށް ލަފާކުރަނީ މާދަމާގެ ހަވީރަށް ނޫނީ އޭގެ އަނެއް ދުވަހަށެވެ. މިހާރު އަންނަނީ ބާރު ގަދަވަމުންކަމަށްވާތީއާއި ބެންގާލާއި އޮޑީޝާއަށް މިހާރުވެސް ބޯކޮށް ވާރޭވެހެމުން އަންނާތީ އެ ދެ ސަރަހައްދު އޮތީ ހައި އެލާޓުގައެވެ.
މި ދެ ތޫފާނަކީ ރާއްޖޭގެ ދެކޮޅުގައި އޮތް ދެ ތޫފާންކަމުން މި ދެ ތޫފާނުގެ ސަބަބުންވެސް ރާއްޖެއަށް ނުސީދާ އަސަރުތަކެއް ކޮށްފާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ކުރިންވަނީ ބުނެފައެވެ. މިއަދަށް ނިމުތުކޮށްފައިވާ މޫސުމީ ފޯކާސްޓްގައިވެސް މިކަމުގެ އަސަރުތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި ކަނޑުތައް ގަދަވުމާއި ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުވެސް ކުރުން އެކަށީގެންވާކަމަށް މިއަދަށް ނިމުތުކޮށްފައިވާ މޫސުމީ ބުލެޓިންގައި މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް