ބެންގަލޫރު އެފްސީގެ ސީއީއޯ ޕާރތު ޖިންޑާލް އެ ކުލަބުގެ ކުޅުންތެރިންގެ އަމަލުތައް މާލޭގައި ބަހައްޓާފައިވާ ގޮތާއިމެދު، އެ ކުލަބުގެ ނަމުގައި މައާފަށް އެދިވަޑައިގެންފިއެވެ.
ބެންގަލޫރު އެފްސީގެ ނަމުގައި މައާފަށް އެދެމުން ޖިންޑާލް ކުރެއްވި ޓްވީޓުގައި ވަނީ، އެ ކުލަބުގެ 3 ބިދޭސީ ކުޅުންތެރިންނާއި ސްޓާފުންގެ ފަރާތުން މާލޭގައި އަމަލު ކޮށްފައިވާ ގޮތް އެއްވެސް ވަރަކަށް ބަލައި ނުގަންނަ ކަމަށާއި، އެ ކުޅުންތެރިންނާއި ސްޓާފުންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް ބެންގަލޫރު އެފްސީ އިން އަޅާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އޭއެފްސީގެ ރޫޙު ގެއްލޭ ފަދަ ގޮތަށް އެ ޓީމުގެ ކުޅުންތެރިންގެ އަމަލުތައް ބަހައްޓައިފާވާކަން ޤަބޫލު ކުރައްވާ ކަމަށާއި، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމިގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށްވެސް ޕާރތު ޖިންޑާލްގެ ޓްވީޓުގައި ވެއެވެ.
ޕާރތުގެ މި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އިރު، އެއްވެސް ޤައުމަކަށް ޒިޔާރަތް ކުރާނަމަ އެ ޤައުމެއްގެ އުސޫލުތަކާއި ޤަވައިދުތަކަށް ތަބާވާން ޖެހޭނެ ކަމަށާއި، މި މައްސަލައިގައި ދިވެހި ރާއްޖެއިން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށްވެސް ޓްވިޓަރގައި އެތަށް ބަޔަކު އަންނަނީ ބުނަމުންނެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގައި ބައިވެރި ވުމަށް އައި ބެންގަލޫރު އެފްސީގެ ކުޅުންތެރިންތަކެއް އުސޫލުތަކާއި ޚިލާފަށް މަގުމައްޗަށް ނިކުމެ އުޅުނު މައްސަލައެއް އިއްޔެ ފެންމަތިވެފައިވާ އިރު، އާންމުންގެ ތެރެއިން ގިނަ ބަޔަކު މިކަމާއި ވަނީ ފާޑު ކިޔާފައެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސްވަނީ އިއްޔެގެ ވަގުތެއްގައި މެޗު ނުބޭއްވޭނެ ކަމަށް އެފްއޭއެމްއަށް އަންގަވާފައިވާ ކަމަށާއި، ބެންގަލޫރު އެފްސީގެ ޓީމު ޖެހޭނީ ވަގުތުން ރާއްޖެ ދޫކޮށްފައި ދާން ކަމަށްވެސް ވިދާޅުވެއެވެ.
https://twitter.com/ParthJindal11/status/1391302307078311938?s=1001
މިއަދުގެ ވަގުތެއްގައި، މުއްދަތެއް ނެތް ގޮަތަށް މި މުބާރާތް ފަސް ކުރެވިފައިވާ ކަމަށް އޭއެފްސީއިން މައުލޫމާތު ދީފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް އައި ޤައުމުތައް އެނބުރި ދިއުމުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްވެސް އޭއެފްސީއިންވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް