ކޮވިޑުގެ ހާލަތު ގޯސްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޭޑީކޭގައި އެޑްމިޓް ކޮށްފައިތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދިނުން ހުއްޓާލަން ނިންމައިފިއެވެ.
އެގޮތުން އޭޑީކޭއިން ދީފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
"ހާލަތު އިތުރަށް ގޯސްވަމުންދިއުމާއެކު، މިއަދުން ފެށިގެން ހޮސްޕިޓަލަށް އެނދުމަތިކޮށްގެން ފަރުވާދޭ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ވާހަކަ ދަންނަވަމެވެ" އޭޑީކޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުން، އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ދެން މަޑުކުރެވޭނީ އެންމެ ފަރާތަކަށެވެ. އަދި އެމީހަކީ ކޯވިޑް-19ގެ އަލާމާތެއް ނެތް މީހަކަށް ވާންވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، މިކަމުގައި އާންމުންގެ އެއްބާރުލުން ކޮންމެހެންވެސް ބޭނުންވާކަމަށެވެ. އަދި ބަލި މީހުން ކައިރީ ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ބޭފުޅުން ހޮސްޕިޓަލަށް ވަޑައިނުގަތުމަށް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް