ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިސްޓު ހަމަލާއެއް ދިން ކަމަށް މި މައްސަލައިގަ ހއްޔަރުކޮށްފައިވާ ތިން މީހުން އިންކާރު ކޮށްފި އެވެ.
ބޮން ގޮއްވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެ ކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މިހާދިސާގައި ލިބުނު އަނިޔާތަކަށް ރައީސް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ ވ، ތިނަދޫ، ހިޔާ އުމުރުން 25 އަދުހަމް އަހްމަދު ރަޝީދު، މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒް އަހްމަދު އަދި ގއ. ކޮނޑޭ ފޮޅޭމާ އުމުރުން32 އަހަރުގެ ތަހުމީން އަހްމަދެ އެވެ.
މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ބަންދު މަޖިލީހުގައި އެމީހުންގެ މައްޗަށް ތުހުމަތު ކުރާ ކަންކަމަށް ތިން މީހުންވެސް އިންކާރުކޮށްފައިވެ އެވެ. އަދި އެމީހުންނާއި މި ހަމަލާ އައި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ ތެރެއިން އަދުހަމް ކޯޓުގައި ބުނެފައިވަނީ ހަމައެކަނި ބުނެފައިވަނީ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ތަހުމީން ބުނެފައިވަނީ އޭނާގެ ނަމުގައި ސައިކަލެއް ރަޖިސްޓާކޮށްފައި ނޯންނާނެ ކަމަށެވެ. އެކަމަކު، ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމުގައި އޭނާގެ ސައިކަލް ރަޖިސްޓްރީކޮށްފައިވާ ކަން އެނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް