އަލީގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ޣައިރު ހާޒިރުގަ ނުބެލޭނެ: ސުޕްރީމް ކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ ކޮށްފައިވަނިކޮށް އޭނާ ފުރުވާލި މައްސަލަ ޣައިރު ހާޒިރުގަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. އަ...

09 May 2021 | 16:32

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ ކޮށްފައިވަނިކޮށް އޭނާ ފުރުވާލި މައްސަލަ ޣައިރު ހާޒިރުގަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އަލީ ވަހީދު ސިއްހީ ފަރުވާއަށް ކަމަށްބުނެ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވެގެން ރާއްޖެއިން ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މި މައްސަލަ ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ދިތރާސާ ކުރުމަށް ފަހު ނިންމީ ޝަރީއަތް ކުރިޔަށް ނުގެންދާށެވެ. އަދި މައްސަލައިގަ ސުޕްރީމް ކޯޓުން ކުރިޔަށް ނުގެންދަން ނިންމީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި އަމުރު ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އަލީ ވަހީދު އުޅޭތަނެއް ދައުލަތަށް ސާފުކޮށްދެވި ނުވާތީ ދައުވާ ފޯމު ބާތިލްކުރުމަށް ކަނޑައަޅައި ހައި ކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ގޮތުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މުރާޖައާކުރުމަށް ފަހުގަ އެވެ.

އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ވަނީ ޖިންސީ ގޯނާއި ގުޅުން ހުރި ހަތް މައްސަލައެއްގައި ދައުވާ އުފުލާފައި އެވެ. އަދި އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ދައުލަތުން އެދިގެން އޮތީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އެވެ.

މައިބަދައިގެ މައްސަލައެއް ދިމާވެ ރާއްޖެއިން ކުރެވެން ފަރުވާއެއް ހޯއްދެވުމަށް ބޭރަށް ވަޑައިގެންނެވުމަށް ކަމަށް ވިދާޅުވެ ޕާސްޕޯޓު ހޯދައިގެން އަލީ ވަހީދު ފިލާފައިވަނީ ޑރ. މުޒުނީގެ ލިޔުމެއް ހުށަހަޅައިގެންނެވެ. އެ ލިޔުން އިތުރަށް ކޯޓުގައި މާނަކޮށްދީފައިވަނީ އައިޖީއެމްއެޗުގެ ޑރ. ޔޫސުފް ޝާން އެވެ.

މި މައްސަލައިގަ ދައުލަތުން އެދުނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ކުރެވެން ނެތް ފަރުވާ އެއް އޮތްނަމަ ބޭރަށް ދިޔުމަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްދިނުމަށެވެ. އެކަމަކު އަލީ ވަހީދު ވަނީ ބޭނުންވަނީ ޕާސްޕޯޓުކަމަށް ޝަރީއަތުގައި ވިދާޅުވެފައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލައިގަ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އަލީ ވަހީދު އެދިވަޑައިގެންގޮތަށް ޕާސްޕޯޓު ދޫކޮށްދިނުމަށެވެ.

މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝަރުއީ ދާއިރާ އަށާއި ސަރުކާރަށް އަމާޒުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް