އޭއެފްސީ ކަޕުގެ މެޗުތައް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމައިފިއެވެ. މި މަހު 14 އިން 21 އަށް މާލޭގައި ކުޅުމަށް ޝެޑިއުލްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ...

09 May 2021 | 11:30

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމައިފިއެވެ.

މި މަހު 14 އިން 21 އަށް މާލޭގައި ކުޅުމަށް ޝެޑިއުލްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ނިސްބަތްވާ ގްރޫޕް ޑީގެ މެޗުތައް އެ ތާރީހުގައި ނުކުޅެން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީ އިން ނިންމާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގްރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ނުކުޅެން ނިންމައި ފަހުން އެ މެޗުތައް ކުޅޭނެ ތަނަކާއި ތާރީހުތައް އިއުލާންކުރާނެ ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ކެންސަލް ކުރުމުން، ގްރޫޕް ސްޓޭޖުގެ ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ވެސް ވަނީ ކެންސަލްވެފަ އެވެ. މީގެ ކުރިން މި މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ މި މަހުގެ 11 ވަނަ ދުވަހު ކުޅޭގޮތަށެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްކުރަން ނިންމީ، އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ވާދަކުރުމަށް ރާއްޖެ އައިސްފައިވާ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ކޮވިޑް-19 ގެ އުސޫލާ ހިލާފަށް ހޮޓަލުން ބޭރަށް ނުކުތުމުން އެކަން އެފްއޭއެމް އިން އޭއެފްސީގެ ސަމާލުކަމަށް ގެނައުމުންނެވެ.

ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، އެ ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުންނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެކަމަކު ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެ ކުޅުންތެރިން ހޮޓަލުން ބޭރުގައި އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ބެންގަލޫރު އެފްސީ ކުޅުންތެރިންގެ ފަރާތުން ފެނުނު މި އަމަލާ ގުޅިގެން މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ދާންޖެހޭ ކަމަށެވެ.

“އެޗްޕީއޭ އާއި އޭއެފްސީގެ ގައިޑްލައިނާ ހިލާފަށް ބެންގަލޫރު ޓީމުން އަމަލުކުރިގޮތް ބަލައެއް ނުގަނެވޭނެ. ބެންގަލޫރު ވީ އެންމެ އަވަހަކަށް ރާއްޖެ ދޫކޮށް ދާންޖެހޭ. މީގެ މަސްތަކެއް ކުރިން ބަހުގެ އިތުބާރު ދީ ކޮވިޑުގެ ކޭސްތައް ގިނަވެ އާއްމުންގެ ޕްރެޝަރު ކުރިމަތިވި އިރުވެސް މުބާރާތް ބޭއްވޭތޯ މި ބަލަނީ” މި މައްސަލައާ ގުޅިގެން މަހުލޫފް އެންމެ ފުރަތަމަ ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އޭއެފްސީން ވަނީ ރާއްޖޭގެ ޓީމުތައް ވާދަކުރަމުން އަންނަ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމިކަން ހާމަކޮށްފައެވެ. އަދި މި ބަޔާނުގައި ވަނީ މުބާރާތުގެ ޕްލޭއޮފުގައި ކުޅެން މި ވަގުތު ރާއްޖެ އައިސްފައިވާ ބެންގަލޫރުން އަމިއްލައަށް އެނބުރި ގައުމަށް ދިއުމުގެ ދަތުރުފަތުރުތައް ހަމަޖައްސަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕް ޑީގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ބެންގަލޫރާއި އީގަލްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް