މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަލޭގައި ދިން ނިރުބަވެރި ހަމަލާއެއްގައި އަނިޔާވެވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާ ދިގުކޮށް ވާހަކަދައްކަވައިފި އެވެ.
މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރެވެ.
އެމަނިކުފާނަށް އަމާޒުކޮށް ދިން އެ ހަމަލާ އަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުވެ ވެންޓިލޭޓަރުން ނެގުމަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަދެއްކެވީ އިއްޔެގެ ވަގުތެއްގައެވެ. އެއީ ޑޮކްޓަރުންގެ ޓީމާއި އެވެ.
އެމަނިކުފާނު ނުރައްކަލުން ސަލާމަތްވި ނަމަވެސް، އިންފެކްޝަންގެ ސަބަބުން އެމަނިކުފާނުގެ ހާލަތު ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަލީ ނިޔާފް ވިދާޅުވީ، ނަޝީދަށް އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެނައީ އެރޭ 20:30 އެހާކަން ހާއިރު ކަމަށާއި އެވަގުތުން ފެށިގެން ޑޮކްޓަރުން ނަޝީދަށް އެޓެންޑް ވެފައިވާ ކަމަށެވެ.
ނިޔާފް ވިދާޅުވީ، ނަޝީދުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހޭނައްތައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް