ޅައިމަގު މޮނިޓަރިންއަށް، މިހާތަން ފަސް މީހުން ކޯވިޑަށް ޕޮސިޓިވް

ށ. ޅައިމަގު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ޅައިމަގު ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ...

09 May 2021 | 08:07

ށ. ޅައިމަގު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ޅައިމަގު ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ޅައިމަގު މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ޅައިމަގު ކައުންސިލުން ބުނީ އެ ރަށުން މިހާތަނަށް ފަސް މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީ އަކާއި ދެ ދިވެއްސެކެވެ.

އޭގެ ތެރޭގައި ހިމެނޭ ތިން ބިދޭސީންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. ޕޮސިޓިވްވި ދެ ދިވެހިންގެ ތެރެއިން އެކަކީ ޕޮސިޓިވްވި އަނެއް މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި މީހެކެވެ.

ޑައިރެކްޓު ކޮންޓެކްޓު ވެގެން ކޯވިޑަށް ޓެސްޓު ކުރިއިރު ޕޮސިޓިވްކަން އެނގިފައިވަނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެޗްޕީއޭއިން ބުނީ ޅައިމަގުން ފެނުނު ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޅައިމަގުގެ އިތުރުން އެ އަތޮޅު ފުނަދޫވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. ފުނަދޫއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި އެރަށުގައި ބަންނަމުން ދިޔަ ދޯންޏެއް ބަލާދިޔަ ބަޔަކާއި އެރަށާއި މާލެއާ ދޭތެރޭ މުދާ އުފުލާ ދޯންޏެއްގެ ފަޅުވެރިންތަކަކާއި ހޯމް ކަރަންޓީންގައި ތިބި ބަޔަކު ހިމެނެ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އަތޮޅު ތެރޭގެ 29 ރަށެއް އެބަ އޮތެވެ.

އޭގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ނައިފަރެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް