ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓު "ލޯންގް މާޗް 5ބީ" ހަލާކުވެ ދުނިޔެއަށް ވެއްޓުނު އިރު އޭގެ ބައިތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިއްޖެ އެވެ.
ޗައިނާއިން އެ ރޮކެޓު ޖައްޗަށް ފޮނުވާލީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރޮކެޓު ދުނިޔޭގެ ޖައްވަށް ވަނީ މިއަދު ބެއިޖިންގެ ގަޑިން 10:24 (ރާއްޖެ ގަޑިން 7:24)ގަ އެވެ. އަދި އޭގ ބައިތައް ދުނިޔޭގެ ސަތަހައިގެ ތެރޭގައި އަނދާފައިވާއިރު ބައެއް ބައިތައް ރާއްޖޭގެ ހުޅަނގުން، ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށެވެ.
އެކަމަކު މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ރޮކެޓެއްގެ ބައިތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓު ރޭ ލިބިފައިވާ ކަމަށެވެ. މިކަން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން ބަލަމުންދާ ކަމަށް ބުނެ އެވެ.
https://twitter.com/MNDF_Official/status/1391287662217027594
އެ ރޮކެޓުގައި ބޭނުންކޮށްފައި ވަނީ ތިމާވެއްޓާ ރަށްޓެހި ތެޔޮ ކަމުން އޭގެ ބައިތަކުގެ ސަބަބުން ކަނޑު ތަޣައްޔަރު ނުވާނެ ކަމަށްވެ އެވެ. އެ ރޮކެޓުގެ ބައިތަކުގެ ސަބަބުން މީހުންނަށް ގެއްލުމެއް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށްވެސް ޗައިނާ ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޗައިނާއިން މިދިޔަ މަހުގެ 29ގައި އެ ރޮކެޓު ލޯންޗު ކުރީ އެގައުމުގެ ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރުމަށްޓަކައި ޖައްވަށް ފޮނުވި ބަޔަކާ އެކު އެވެ. އެގައުމުން އުއްމީދު ކުރަނީ އެ ސްޕޭސް ސްޓޭޝަނުގެ މަސައްކަތް 2022ގައި ނިމޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް