އިސްލާމްދީން އަންހެނުންނަށް ބޭނުންވާ ޙިމާޔަތާއި ރައްކައުތެރިކަން ހޯދައިދިނެވެ. ގުނައި އަދަދު ނުވާހައި ގިނަގުނަ ޙައްޤުތަކެއް ހޯދައިދިނެވެ. ޚާއްޞަކޮށް އެދީންވަނީ މައިންގެ ޢިއްޒަތާއި މާތްކަމާއި ޝަރަފު މަތިވެރިކޮށްފައެވެ. މަޚުލޫޤުންގެ ތެރެއިން ނަބީ ރަސޫލުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ލިބިގެން ނުވާފަދަ ފުރަކީރިތި މަގާމެއް މައިންނަށް ހޯދައިދީފައެވެ.
ޝައްކެއްނެތެވެ. ޙަޤީޤަތަށް އިޢުތިރާފުވާއިރު މަންމަގެ އުނގަކީ އިންސާނާގެ އެންމެފުރަތަމަ މަދަރުސާއެވެ. ތެދުވެރިކަމާއި، ވަފާތެރިކަމާއި، އީމާންކަމާއި، ހިތްވަރާއި ފަންވަރާއި، ސާބިތުކަމާއި މިފަދަ ފުރިހަމަ ސިފަތައް ލިބިގެންވާ ޤާއިދުން އެ ސިފަތަކުން ޒީނަތްވެ ބައްޓަންވެ ތަރުބިޔަތުވެގެން ނުކުންނަނީ މައިންގެ އުނގުންނެވެ. އިންސާނީ އައު ނަސްލުތަކުގެ ސީރަތުގެ އޮފުގަދަކަމާއި ވިދައި ބެބުޅުމަކީ މައިންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ކޮންމެ އަކަސް މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ "މަންމަ"އިންގެ ދުވަހެވެ. މިއަދު އަޅުގަނޑުމެން މަންމައިންގެ ދުވަސް އުފަލާއި އެކު ފާހަގަކުރާއިރު އެ މަންމައިން އަހަރެމެންނަށްޓަކައި އެއުފުލި ބުރައާއި މެދު ކުޑަކޮށްވެސް ވިސްނާލިންހެއްޔެވެ؟ މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ނުވަ މަސް ވަންދެން އެ މައިމީހާ އެ އުފުލި ވޭނަކީ ކުޑަ ވޭނެއް ނޫނެވެ. ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ލަހައްޓަވާތޯ ކޮންމެ ދުވަހަކު އެމައިން ދުޢާ ކުރެއެވެ. ތިބާ ދުނިޔެއަށް އުފަންވުމަށް ފަހުގައިވެސް އެ މަންމައިންގެ ހިދުމަތުން ތިމާ އެއްކިބާ ނުވެއެވެ. ފިރުކެން ފެށި އުމުރުން، ދުވަން ފެށި އުމުރުން އަދި އަމިއްލަ ފައިމައްޗަށް ތެދުވެވެންދެކަށްވެސް އެންމެ އަރިސް، އަދި އެންމެ ގާތް އެކިވެރިޔާއަކީ ހަމަ މަންމައެވެ.
މަންމައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއޭ ބުނާތީ އިވެއެވެ. ތެދެކެވެ. އެ މައިންނަކަށް އަހަރެމެން ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ. އަހަރެމެން ނުކައި ހުރެފި ނަމަ އެ މައިމީހާގެ އަރުން ކާއެތިކޮޅެއްވެސް ނުދިރޭނެއެވެ. އަހަރެމެންގެ ހަށިގަނޑުގައި ވޭނެއް އަޅައިފިނަމަ އެ މަންމަގެ ލޮލަށް ނިންޖެއް ނާންނާށެވެ. އަހަރެމެން ބޭނުންވާ އެންމެހާ ކަންތައްތައް ޝަކުވާއެއް ނެތި އެ މައިމީހާ ކޮށްދެއެވެ. އަހަރެމެންގެ ހިދުމަތުގައި ވަރުބަލިކަމެއް ނެތި އެ މައިމީހާ ހުރެއެވެ. ނުކައި ނަމަވެސް އަހަރެމެންނަށް ކާންދެވޭތޯ ބަލައެވެ. އައު އަންނާނު ނުގަނެ އަހަރެމެންނަށް ރީތި އަންނައުނު ގަނެދޭނެއެވެ. ފުދިގެން ނޫޅުނަސް އަހަރެމެން ބޭނުންވެގެން ބުނާ ކޮންމެ ކަމެއް ކޮށްދެއެވެ. އެއީ މައިމީހާއެވެ. އަހަރެމެން މިއަދު ފަހުރުވެރިމިވާ މައިމީހާއެވެ.
މަންމައިންގެ ދުވަސް އަޅުގަނޑުމެން މިއަދު ފާހަގަކުރާއިރު ފަރުދާނެ އަނެއްފަރާތްވެސް ބަލާލުން މުހިންމެވެ. އެތާނގައި މަންމައިންނާއި މެދުވެފައިވާ ބޮޑު އިހުމާލުގެ ވާހަކަ ދައްކަން ޖެހެއެވެ. މައިންބަފައިންނަށް ކަމޭހިތުމާއި މައިންބަފައިން ހިތުގައި ނުޖެއްސުމަށް މަތިވެރިވެގެންވާ އަމުރަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވާއިރު އެ މައިންބަފައިންނަށް، ހާއްސަކޮށް މަންމަ އަށް ކުރާ އަނިޔާގެ ވާހަކަ ދައްކަން ޖެހެއެވެ. މަންމަގެ ގައިގައި ނުޖެހިއެއް ކަމަކު ރުންކުރުކޮށް ކުރެވޭ ކޮންމެ ކަމަކީ، އަދި ބުނެވޭ ކޮންމެ ބަހަކީ އެމައިމީހާގެ ހިތައް ހެރޭ ހަންޖަރެކެވެ. މައިމީހާއަށް އަޑުލައި ހެދުމަކީ ބޭރުފުށުން ނުދެއްކިއެއް ކަމަކު އެކަމުގެ ހިތާމަ މައިން ކުރާނެ ކަމެކެވެ. ކުޑައިރު ތިބާ ބަލައިދީ އުނުއަންނައުނު ނިވާކޮށްދީ، ގައިންތާހިރުކޮށްދީ ބަލާބޮޑުކޮށް މީހަކަށް ހަދާދިނީމާ މިއަދު "މަންމަ" ފެނުނަސް ލަދުގަންނަ މީހުން އެބައުޅެއެވެ. މަންމަ ފެނުމުން ފަކުރުހީވާ މީހުން އެބައުޅެއެވެ.
ނަތީޖާއަކަށްވަނީ މައިން ދަރިންގެ ބޭނުމަށް އެންމެ ޖެހޭ ދުވަހު އެ މައިންގެ ކަންކަން ބެލެހެއްޓުމަށް ނުވެސް ދަންނަ މީހަކު ގެނެވުމެވެ. އަދި މުސާރަ ދީގެން މައިމީހާ ބެލެހެއްޓުމުގެ އުސޫލު ގެންގުޅުމެވެ. ވިސްނާލާށެވެ. މިއީ އަނިޔާއެއް ނޫންތޯއެވެ؟ މިއަށް ވުރެ ވަކި ބޮޑު އަނިޔާއެއް ކޮބާތޯއެވެ؟ އެ މައިން ތިމާ ބަލާ ބޮޑުކުރީ އުންމީދުތަކެއް ހުރީމައެވެ. ތިމާގެ ފަރާތުން ބޭނުންވާނެ ކަންތައްތަކެއް ހުރީމައެވެ. ތިމާއަކީ އެމައިންގެ ލޮލުގެ ފިނިކަން ކަމަށް ބަލައި އެ މައިންނަކީ ތި ދަރިންގެ ލޮލުގެ ފިނިކަން ކަމުގައިވެސް ދެކިގެނެވެ. ބަލިވުމުން އެންމެ ފުރަތަމަ އޯގާތެރިކަމުގެ އަތުން ފިރުމާލާނެ މީހަކީ ދަރިން ކަމުގައި ދެކިގެންނެވެ. ނަމަވެސް އެ މައިމީހާ އެދެކުނު ހުވަފެން މިވީ ބިލާހަކަށެވެ. ކުރި އުންމީދު ވީ ފެނަށެވެ. ކީއްވެތޯއެވެ؟ މަންމައިންގެ އަގު ވަޒަން ނުކުރެވޭތީއެވެ. އެ މައިމީހާ އުފުލި ބުރައާއި ތަހައްމަލު ކުރި ވޭން ތިމާއަށް ވިސްނާނުލެވުނީމައެވެ. އެ ބުރައާއި ވޭން އެނގޭނެ ނަމަ ހަމަ ހިލާ މައިންނަށް ދެރައެއްދޭން ހިތެއް އޮތް އިންސާނަކަށް ނުކެރޭނެއެވެ.
މައިންބަފައިންގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފިލާވަޅެކެވެ. އެއީ އެ މަންމައަކީ ތިމާއަށް ސުވަރުގޭގެ ދޮރުކޮޅު ހުޅުވާލަދޭނެ ފަރާތެއްކަން ހަނދާން ކުރުމެވެ. އަދި އެމަންމައަކީ ތިމާ ސުވަރުގެއިން އެއްކިބާ ކުރުވަފާނެ ސަބަބުވެސް މެއެވެ. މައިންނަށް ހެޔޮކޮށް ހިތައިފި މީހާ ވަނީ ކާމިޔާބު ލިބިގަތް މީހުންގެ ތެރެއިންނެވެ. މައިންބަފައިންނަށް އަނިޔާވެރިވި މީހާއަށް އާހިތަރުގައި އޮތީ ވޭންދެނިވި އަޒާބެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް