ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމުގައި އިސްކޮށް ހުރީ ވ. ތިނަދޫ، ހިޔާ އުމުރުން 25 އަހަރުގެ އަހުމަދު އަދުހަމް ކަން ހާމަވެއްޖެ އެވެ.
ހައްޔަރު ކުރުން ފިޔަވާ އަދުހަމް އާއި ގުޅޭ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާ އާއި ގުޅޭ މައުލޫމާތު މީޑިއާގައި ވަނީ ހާމަވެފަ އެވެ.
އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންނެވެ. ހަމަލާ ދިނީ ބްރާސްފަތި ދުވަހު ކަމަށްވާއިރު އޭނާ ގެއަށް ދިޔައީ ހުކުރު ދުވަހު އިރުއެރި ފަހުން ކަމަށްވެ އެވެ.
އަދުހަމަކީ 2013 ގައި އެފްއޭއެމުން އެކުލަވައިލި، އުމުރުން 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އަށް ވަނީ 2011 ގައި ބޭއްވި އެފްއޭއެމް އެވޯޑްސްގައި އުމުރުން 16 އަހަރުން ދަށުގެ ބައިން "ބެސްޓް ޔޫތް ޕްލޭޔާ" އެވޯޑް ލިބިފަ އެވެ.
މި މައްސަލައިގަ ދެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ، އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، އުމުރުން 32 އަހަރުގެ ތަހުމީނު އަހުމަދު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލަ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައިވާ ސައިކަލަކީ މީގެ ތެރެއިން ތަހުމީނުގެ ސައިކަލެވެ.
ހަމަލަދިނުމުގެ ބޭނުމުގައި އޭނާގެ ސައިކަލްގެ ނަމްބަރު ބަދަލުކޮށް، އިންޖީނުގެ ނަމްބަރު ހުރީ ފޮހެލައިފަ އެވެ. އެކަމަކު ފުލުހުންގެ ފޮރެންސިކް ޓީމުގެ މަސައްކަތުން އިންޖީނުގެ ނަމްބަރު ދެނެގަނެ ސައިކަލްގެ ވެރިމީހާ އަކީ ވެސް ތަހުމީނުކަން ވަނީ ހޯދައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް