ޠާލިބާނުން މީޑިއާތަކަށް އިންޒާރެއް ދިންތާ 24 ގަޑި އިރު ތެރޭގައި އަފްޣާނިސްތާނަށް ނިޞްބަތްވާ މަޝްހޫރު ނޫސްވެރިޔާ ނޭމަތު ރަވާން މަރާލައިފިއެވެ. ވެއެތުވެ ހަފްތާގެ ބުރާސްފަތި ދުވަހު ނޭމަތު މަރާލައިފައިވަނީ އަފްޣާނިސްތާނުގެ ޚަންދާރު ނަމަކަށް ކިޔާ ސިޓީގައެެވެ.
އެ ޤައުމުގެ އެންމެ ބޮޑު ބްރޮޑްކާސްޓިންގ ކުންފުނީގެ ކުރީގެ މަޝްހޫރު ޚަބަރު ކިޔުންތެރިޔާ އަދި ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ކަމަށްވާ ރަވާން މަރާލަފައިވަނީ ބަޑި ޖަހައިގެންނެވެ. އޭނާ މަރާލާފައިވަނީ ކާކުކަން އަދި މިހާތަނަށް ދެނެގަނެ ވިފައި ނުވާ ކަމަށް ޚަންދަރު ސިޓީގެ ޓޯލޯ ނިއުސްއިން ޚަބަރުކޮށްފައި ވެއެވެ.އެ ސިޓީގެ ފުލުހުންގެ މައި މަރުކަޒުގެ ސަލާމަތީ އޮފިޝަލެއް ކަމަށްވާ ޣޮރްޒާންގ އަފްރީދީ ވިދާޅުވެފައިވަނީ ރަވާން މަރާލާފައިވަނީ އެ ސިޓީގެ ޓޮޔޯޓާ ކޮރޯލާގައި ކަމަށެވެ.އަދި އޭނާއަށް ފުރަތަމަ ހަމަލާ ދިން މީހާ ސައިކަލުގައި އައިސް އޭނާގެ ކާރަށް ހުރަސްހަޅާފައިވާއިރު، އޭނާއަށް ބަޑި ޖަހާ ޒަޚަމް ކޮށްލާފައިވަނީ ސައިކަލުގައި އައި ދެވަނަ މީހެއް ކަމަށްވެސް މައުލޫމަތު ދެއްވާފައިވެއެވެ.އަދި އޭނާއަށް ހަަމަލާ ދިން މީހުން އޭނާގެ ފޯނު ފޭރިގަނެގެން ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޠާލިބާނުން އަފްޣާނިސްތާނުގެ މީޑިއާތަކަށް ވަރުގަދަ އިންޒާރެއް ދިންތާ 24ގަޑި އިރު ތެރޭގައެވެ.މި އިންޒާރުގައި ޠާލިބާނުންވަނީ މީޑިއާތަކުން އެ ޤައުމުގެ އިންޓެލިޖެންސާއި ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް، މީޑިއާތަކަކީ ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރާ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައެވެ.އަދި ކާބުލްގެ ސަރުކާރުގެ ޕްރޮޕެގެންޑާތަކުން ބޭނުން ކުރާ އާލާތްތަކަށް މީޑިއާ ވެގެން ނުވާނެ ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.
ބުދަ ދުވަހު ޠާލިބާނުގެ ތަރުޖަމާނުު ޒަބުﷲ މުޖާހިދުވަނީ ކާބުލުގެ ސަރުކާރީ އިދާރާތަކުންނާއި ނޭޝަނަލް ޑައިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އިން ސީދާ ގޮތުން އާންމުންގެ މެދުގައި ފިތުނަ އުފައްދާ، އާންމުންގެ ފިކުރު ބަދަލު ކުރުމަށް ކެހިވެރި އުކުޅުތައް ބެނުން ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.އަދި މީޑިއާތަކުން ނާޒުކު ދަނޑިވަޅުތަކުގައި ވަކި ކޮޅަކަށް ނުޖެހި، ދެތުވެރި ޚަބަރު ގެނެސްދޭން ޖެހޭނެ ކަމަށްވެސް މުޖާހިދުވަނީ ވިދާޅުވެފައެވެ.
ޠާލިބާނުގެ އިންޒާރުތައް ފެންމަތިވެފައި މިވަނީ، އެމެރިކާގެ ސަރުކާރުން އެ ޤައުމުގެ އަސްކަރިއްޔާ އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ކަމުގެ ސަބަބުން އެ ޤައުމުގައި ހަމަނުޖެހުންތައްވެސް އިތުރު ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެއެވެ.މިގޮތުން، މެއި 1ވަނަ ދުވަހު އެމެރިކާއިން އެ ޤައުމުން ފައިބާނެކަމަށް ނިންމާފައިވާ ނިންމުމަށް ތަބާ ނުވެ، އެކަން ދިގުލަމުން ގެންދާތީވެ، ޠާލިބާނުންވަނީ އަފްޣާނިސްތާނުގެ ގިނަ ސިޓީތަކަކަށް ބޮމުގެ ހަމަލާތައް ދިނުން އިތުރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް