ރޯދަ އިނާޔަތިގެ ގޮތުގައި ފުލުހުންނަށް 2.4 މިލިއަން ރުފިޔާގެ ތަކެތި ބަހަން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ނިންމާފައިވާއިރު ފުލުހުންސނަށް ރޯދަ ހަދިޔާ ބަހަން ފަށައިފި އެވެ.
ފުލުހުންނަށް ބަހަން ފަށާފައިވާ ހަދިޔާ ޕެކްގެ ފޮޓޯއެއް ދުވަހަށް ވަނީ ލިބިފަ އެވެ. އެ ޕެކްގައި ވަނީ އެންޒީ މަސްދަޅު ކޭހަކާއި ބާސްމަތީ ހަނޑޫ މެދެ ސައިޒުގެ ބަސްތާ އަކާއި ހަ ދަޅު އަލަނާސި އާއި ހަތަރު ޕެކެޓް އަޔޮޑިން ލޮނުގެ އިތުރުން ކުކިންގް އޮއިލް ފުޅި އެކެވެ.
ފުލުހުން ބުނީ ރޯދަ މަހު ފުލުހުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެންގުވުމާއި ގުޅިގެން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓި މެދުވެރިކޮށް އެ ތަކެތި ފުލުހުންނަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މި ތަކެތީގެ އިތުރުން ކޮންމެ ފުލަހަކަށް ގާނޫނުގައި ބުނެފައިވާ ގޮތަށް 3،000 ރުފިޔާގެ އެލެވެންސްވެސް ލިބޭނެ އެވެ.
މިދިޔަ އަހަރުވެސް އެ ސޮސައިޓީ މެދުވެރިކޮށް ރޯދަ ހަދިޔާގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ ތަކެތި ފުލުހުންނަށް ބަހާފައިވެ އެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންނައި ފުލުހުންގެ މަގާމުތަކުގައި އުޅުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރާ ފަރާތްތަކާއި، ފުލުހުންގެ ވަޒީފާގައި އުޅޭ މުވައްޒަފުންނާއި އާއިލާތަކުގެ ވެލްފެއާ ކަންތައްތައް ރަނގަޅުކުރުމާއި އުފައްދާފައިވާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް