ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް

މިއަހަރު ބާއްވަން ހަމަޖެހިފައިވާ "ޓްރެވަލް ޓްރޭޑް  މޯލްޑިވްސް 2017" (ޓީޓީއެމް) ގެ ޕްލެޓީނަމް ޕާޓްނަރގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަމާ ގުޅޭ އެއްބަސްވުމުގައި މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ...

09 May 2017 | 09:05

މިއަހަރު ބާއްވަން ހަމަޖެހިފައިވާ "ޓްރެވަލް ޓްރޭޑް  މޯލްޑިވްސް 2017" (ޓީޓީއެމް) ގެ ޕްލެޓީނަމް ޕާޓްނަރގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަމާ ގުޅޭ އެއްބަސްވުމުގައި މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓްއަވޭސް އާއެކު ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ގުޅުވާލުމަށް ކުރިޔަށް ގެންދާ ޓީޓީއެމް ފެއަރ މިއަހަރު އޮންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މި އިވެންޓްގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ރިޒޯޓު ހިންގާ ފަރާތްތަކާއި، ސަޕްލަޔަރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ.

މިއަދު ހެނދުނު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް ވަނީ ޓީޓީއެމްގައި ކުރިޔަށް ގެންދާ ޚާއްސަ ފޯރަމް "ބީއެމްއެލް ހޮޓެލިއަރ ސަމިޓް މޯލްޑިވްސް 2017" ގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައި ހަމަޖެހިފައެވެ. މިފޯރަމްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ބޮޑެތި ހޮޓެލްތަކުގެ އިސްބޭފުޅުންނާއި އޮޕަރޭޓަރުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދާނެއެވެ.

މި ސްޕޮންސަރޝިޕާ މެދު ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "މޯލްޑިވްސް ގެޓްއަވޭސް އާއި އެކު މަސައްކަތްކުރުމަށް މިވެވުނު އެއްބަސްވުމާއި މެދު އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ. ދިވެހި ރާއްޖެއަކީ މިއަދުވެސް ބައިނަލްއަގްވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ޕްރޮފައިލްއެއް އޮތް ގައުމެއް އަދި އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް. މި ފެއަރގެ ސަބަބުން އިތުރު މާކެޓްތަކަށް ރާއްޖެ ތައާރަފްކުރުމަށް ދިވެހި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވާނެ ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ. އެނގިވަޑައިގަންނަވާނެ ފަދައިން ޓޫރިޒަމް އިންޑަސްޓްރީން މިވަނީ 2020 ގެ ކުރިން އަހަރަކު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުވުމަށް އަޒުމްކަނޑައަޅާފައި، މިކަން ހާސިލްކުރުމަށް އަޅުގަނޑުމެންނަށް މިފަދަ އެހީއެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް." ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5  ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް