އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ޖޫން ތިނެއްގައި!

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރައްވައި އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ކަމަށް ލޯކަލް ގަވަރުމަނ...

09 May 2017 | 07:22

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރައްވައި އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ކަމަށް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު ވިދާޅުވީ އަލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރުން ހުވާ ކުރުމާއި، މަގާމުގެ މައްސޫލިއްޔަތު އަދާ ކުރަން ފެއްޓެވުމުގެ ކުރިން ނިންމަން ޖެހޭ އިދާރީ ނިންމުންތައް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ވަގުތީ ނަތީޖާ އިއުލާނު ކުރުމުން ފެށިގެންދާ އިންތިގާލީ މަރުހަލާގައި އިންތިހާބު ވެ ވަޑައިގެންފައިވާ ކައުންސިލަރުންނަށް، އެ ކައުންސިލް އިދާރާއަކުން ކުރިން ކުރެވިފައި ހުރި މަސައްކަތްތަކުގެ މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖޫން ތިން ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވިޔަސް އެކި ރަށުގައި  ރަސްމިއްޔާތު ބޭއްވޭނީ އެކި ގަޑިތަކުގައި ކަމަށެވެ. އެއީ މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން އެހެން ރަށަކުން މެޖިސްޓްރޭޓުން ގެންދަން ޖެހޭތީ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ޖުޑީޝަރީގެ ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވައިފިން ފަނޑިޔާރުން ހަމަޖައްސައި ދިނުމަށް އެ ދުވަހަށް. އަދި ފަނޑިޔަރުން ހަމަޖައްސައިދެވޭނެ ގަޑިތަކާއި އުސޫލުތައް ބުނެދިނުމަށް. އޭރުން މެޖިސްޓްރޭޓުން ނެތް ރަށްރަގެ ކައުންސިލަރުން ހުވާ ކުރުމަށް އެހެން ގަޑިތައް ހަމަޖައްސަން އެނގޭނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކައުންސިލަރުން ހުވާ ކުރުމަށް ފަހު މަގާމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކައުންސިލަރުންނަށް އަމާޒު ކުރެވިގެން ބައްދަލުވުންތަކެއްވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

މިފަހަރު އިންތިހާބުގައި ޖުމްލަ 664 ކެންޑިޑޭޓުން ވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލަށް އިންތިހާބު ވެފައި އެވެ. އޭގެތެ ތެރެއިން 13 ކެންޑިޑޭޓަކު ވަނީ އިންތިހާބަކާއި ނުލާ ގޮނޑި ކާމިޔާބު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް