ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރަކަށް ދިރާގުން މި އަހަރު ވެސް ސޮއިކޮށްފިއެވެ.
ދިރާގަކީ 2023 އިން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގައި ސްކޭޓިންގ ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ގައުމީ އެސޯސިއޭޝަންއެވެ. 2023 ވަނަ އަހަރު، މި އެސޯސިއޭޝަންއިން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު، އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފައެވެ. އަދި، ދިވެހިރާއްޖޭގައި ހިންގާ ސްކޭޓިންގއާ ގުޅުންހުރި އެންމެހާ ހަރަކާތްތައް ހިންގަމުންދަނީ ސްކޭޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
"ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނަރޝިޕް ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ، ރާއްޖޭގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެންދިއުން" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
"ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ހާއްސަކޮށް ސްކޭޓިންގ ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި، އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް މި ކުޅިވަރު ތަރައްގީކުރުމަށް ޑިވެލޮޕްމަންޓް ޕަރޓްނަރެއްގެ ގޮތުން ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު މި އޮތް ޕަރޓްނަރޝިޕް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހާސިލުކުރުން" ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވިއެވެ.
ދިރާގަކީ، ރާއްޖޭގައި ސްކޭޓިންގ ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް