ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަހުބައި

ކުރީގެ އަދަދާއި ގުޅޭ... "ހުމޭ އައީ ކަންނޭނގެ.... އަވަހަށް ހިނގާ ބޭރަށް ނުކުންނަށް....! އެކަމަކު ތިލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލައިގެން ނުވާނެ...." ނާޝިދު އިން ގޮނޑީގެ އަތްގަނޑުގައި ހިފާލުމ...

09 Apr 2024 | 11:05

ކުރީގެ އަދަދާއި ގުޅޭ...

"ހުމޭ އައީ ކަންނޭނގެ.... އަވަހަށް ހިނގާ ބޭރަށް ނުކުންނަށް....! އެކަމަކު ތިލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލައިގެން ނުވާނެ...." ނާޝިދު އިން ގޮނޑީގެ އަތްގަނޑުގައި ހިފާލުމަށްފަހު، ހިނގައިގަންނަމުން ރާއިދު ބުނެލިއެވެ.

"ކޮބާ އެމީހުން ކައިފިތަ...."؟ ހުމޭދާ، ހަސީނާ އާއި ސުވާލުކޮށްލިއެވެ.

"އާނ.... ކައިގެން ކޮޓަރިއަށް ވަނީ....! މަންމަ ސުވާލެއް ކޮށްލަންތަ....؟" ހުމޭދާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ހަސީނާ ވާހަކަ ދެއްކިއެވެ.

"އައްދެ...! މިއަދު މަންމަ ހާދައުފާވެފަ ހުރި ދުވަހެއްހެން ހީވެޔޭ....! ކޮށްބަލަ ތިސުވާލެއް....! އެހެންނޫނަސް މަންމަ ސުވާލެއް ކުރާކަށް ކޮންމެހެން ހުމޭ ކައިރިން ހުއްދަ ހޯދާކަށް ނުޖެހޭނެއެއްނު...." މަންމަ އަތުގައި އަނެއް އަތުން ހިފާލަމުން ހުމޭދާ ބުނެލިއެވެ.

"ދަރިފުޅު މިހާރު އެންމެ އުފާވާނީ ކޮންކަމެއް ވިއްޔާ....؟ ވަރަށް ވިސްނާފަ ޖަވާބުދެއްޗޭ...." ހުމޭދާގެ މޫނަށް ބަލަން އިނދެ ހަސީނާ ސުވާލުކޮށްލިއެވެ.

"މަންމަ ތިހެން އަހާއިރުވެސް މަންމައަށް އިނގޭނެ މިހާރު ހުމޭ އެންމެ އުފާވާނީ ކިހިނެތްވީމަކަން...." ހަސީނާ އާ ދިމާއަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.

"ދަރިފުޅު އެންމެ އުފާވާ ކަންތައް މިއަދު މަންމަ ކޮށްދޭން މިއުޅެނީ....! ދަރިފުޅަށް ޤަބޫލު ކުރެވޭތަ....؟" ހުމޭދާގެ މޫނަށް ބަހައްޓައިގެން އިނދެ ސިޓިން ރޫމާއި ދިމާއަށް ނުކުމެގެން އަންނަ ނާޝިދު އާ ދިމާއަށް ޙަސީނާ އަތްދިއްކޮށްލަމުން ބުނެލިއެވެ.

ހުމޭދާ އެދިމާއަށް ބަލާލިއެވެ. ހުމޭދާ ދިޔައީ ސިހިގެންނެވެ. ފައިދަށުން ހީވި ބިންގަނޑު ދެމިގަންހެންނެވެ. ކުރިމަތީގައި އޭނީ ނާޝިދެވެ. ސިފައަށް ބޮޑު ބަދަލެއް އައިސް ހިސާބަކަށް ހިކިފައިހުއްޓަސް ދެލޯ މަރައިގެންވެސް ހުމޭދާއަށް ނާޝިދު ފާހަގަ ކުރަން އެނގޭނެއެވެ. ހުމޭދާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އޭރު ނާޝިދުގެ ލޮލުންވެސް ކަރުނަ ފާއްދާލާފިއެވެ. އެތައް ޒަމާނަކަށްފަހު ހުމޭދާ ފެނުމުން ކުރިއަށްވުރެވެސް ހުމޭދާ ރީތިކަން ނާޝިދުއަށް އިޙްސާސްވިއެވެ. ހުމޭދާ ގާތުގައި އިން ޢާއިޝައަށްވެސް ކުއްލި ޝޮކެއް ލިބިގެންދިޔައީ ނާޝިދު ގާތުގައިހުރި ރާއިދު ފެނިފައެވެ.

"ނާޝިދު...!" ހުމޭދާ ޙައިރާންވެފައި ނާޝިދުއަށް ގޮވާލުމަށްފަހު ނާޝިދުއިން ގޮނޑި ކައިރިއަށް ދިޔައެވެ.

ނާޝިދުގެ ޙާލު ފެނުމުން ހުމޭދާގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ. އެވަގުތު ސަމީރާވެސް އެތަނަކަށް ނިކުމެއްޖެއެވެ.

"ކިހިނެތް މިކަން މިވީ....؟" ހުމޭދާ ވާނުވާއެއް ނޭނގި ޙައިރާންވެފައި ހުރެ ސުވާލު ކޮށްލިއެވެ.

"ތިއީ ވަރަށް ބޮޑު ވާހަކައެއް... ހުމޭދާއަށް މިހާރު އެނގޭނެއެއްނު މިކޮޅުގައި ކަންތައްތައް ވަމުންދިޔަގޮތް.... ހަމަ އެކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ކަންނޭނގެ ނާޝިދުވެސް ހައްޔަރުވެފައި ތިއިނީ.... ވިސްނާލީމާ މިކަން މިއެނގުނީ...." ސަމީރާ، ހުމޭދާއާ ދިމާއަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ.

"ހީވަނީކީ ނޫން.... ހުމޭއަށް ޔަޤީން....! ތިއީ އެޖިންނީގެ ކަމެއް....! އެޖިންނި ހުމޭ ކައިރީގައި އެއްބަސްވި ނާޝިދަށް ކަންތައްތަކެއް ހުރި ކަމަށް.... ތިކަން ބޭހަކުން ރަނގަޅެއް ނުވާނެ....! ހުމޭ ދެއްކި މީހާއަށް ދައްކަން ހިނގާ.... އޭރުން އިރާދަކުރެއްވިއްޔާ އޭނަ ތިކަން ރަނގަޅުކޮށްދޭނެ....! އެއީ ވަރަށް މޮޅު މީހެއް....! އެކަމަކު ވީގޮތް ކިޔާދީބަލަ....!" ހުމޭދާ ހިތްވަރާއެކު ވާހަކަ ދެއްކިއެވެ.

"އެއްދުވަހު ނާޝިދު އޮފީހުން އައިސްބުނި މާދަމާ މިއުޅެނީ ކަމަކު މިކޮޅަށް އަންނާށޭ....! ނާޝިދު މިހެން ބުނީމަ އަހާވެސް ލިން ކީއްކުރަންހޭ....؟ ބުނީމަ ހީނލާފަބުނީ މަންމައާ އެކީ ވަގުތުހޭދަކުރާނެ އަންހެން ކުއްޖެއް ގެންނަން ވެގެންނޭ މިކޮޅަށް އަންނަން މިއުޅެނީ.... ދެން އެރޭ ނިދަން އޮއްވަ ނާޝިދު ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އިވިގެން ކޮޓަރިން ބޭރަށް ނުކުތް އިރު ނާޝިދު އޮތީ ސިޓިން ރޫމްގައި ވެއްޓިފައި.... އުނަގަނޑުން ތިރީގައި އެއްވެސް ޙަރަކާތެއް ނެތް.... ވީގޮތް އޮޅުން ފިލުވަން ސުވާލުކޮށްކޮށް އެއްވެސް ޖަވާބެއް ނުދިން.... އެއްވެސް ވާހަކައެއް ނުދައްކާ ހަފުތާއެއްހާ ދުވަހު އޮތުމަށްފަހު މަޑުމަޑުން ވާހަކަ ދެއްކެން ފެށީ...! އަބަދު ރޮއިރޮއި އޮންނަނީ....!" ސަމީރާ ލޮލުން ކަރުނަ ފޮހެލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެއްގޮތަކަށްވެސް ނުހިނގޭ... އުނގަނޑުން ތިރީގައި އެއްވެސް ވަރަކަށް ވާތްގެއް ނުހުރެ.... ސުވާލުކޮށްގެންވެސް ވީނުވީއެއް ކިޔައެއް ނުދޭ.... ރާއިދުވެސް އެތައް ފަހަރަކު އެތައް ގޮތަކަށް ސުވާލު ކުރި.... ރާއިދު ހުރިކަން އެއީ އަހަރުމެންގެ ނަޞީބު.... އެހެންނޫންނަމަ މި ކުއްޖާފުޅު އަހަރުމެން ގެންގުޅޭނީ ކިހިނެތް...؟ އަދިވެސް ވީގޮތެއް އެއްވެސް މީހަކު ކައިރިއަކު ނުބުނޭ...." ސަމީރާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކިއްޖެ...! ރާއްޖޭން ބޭރަށްގޮސްގެން ބޭސް ކުރެވިއްޖެ.... އެދެވޭ ނަތީޖާއެއް ނުފެނޭ..." ސަމީރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ޑޮކްޓަރަށް ދައްކައިގެން މިކަމެއް ރަނގަޅެއް ނުވާނެއޭ.... ހުމޭއަށް އިނގޭތީ ހުމޭ މިބުނަނީ.... މަންމާ ހުމޭ ދައްކާ މީހާއަށް ނާޝިދު ދައްކަން ހިނގާބަލަ....! މިރޭ އޭނަ ގެންނަން ހިނގާބަލަ....!" ނާޝިދުގެ އަތުގައި އަތްޖައްސާލަމުން ހުމޭދާ ބުނެލިއެވެ.

އެތައް ޒަމާނަކަށްފަހު ހުމޭދާގެ އަތް ނާޝިދު އަތުގައި ބީހިލުމާއެކު ބުނަން ނޭނގޭ އިޙްސާސެއް ނާޝިދުއަށް ކުރިއެވެ. ނާޝިދު އަސަރާއެކު ހުމޭދާއާއި ދިމާއަށް ބަލާލިއެވެ. އޭރު ހުމޭދާވެސް ހުރީ ނާޝިދު އާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެތަކެއް ދުވަހަށްފަހު ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންނަށްވެސް ބުނަން ނޭނގޭ އިޙްސާސްތަކެއް ކުރަމުން ދިޔައެވެ.

ރާއިދު ފެނުނީންސުރެ ޢާއިޝާ ހުރީ ރާއިދުއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެން ނަމަވެސް ރާއިދުއަށް އެކަން އެނގޭހެނެއް ހީއެއްނުވެއެވެ. ރާއިދުއަށް އެކަން ނޭނގުނަސް އެކަމުގެ ސަބަބުން ޢާއިޝާއަށް އެއްވެސް އަސަރެއް ނުކުރީ ކަންތައް ވެފައިވާ ގޮތް ޢާއިޝާއަށް އެނގޭތީއެވެ. ޢާއިޝާގެ އެއްވެސް ހަނދާނެއް ރާއިދުގެ ނެތްކަން ޢާއިޝާއަށް އެނގޭތީއެވެ.

"އެހެންވީމާ، ހުމޭދާ ދައްކާ މީހާއަށް ގުޅާފަ މިރޭ މިކޮޅަށް އަންނަން ބުނާނަން އިނގޭ....! ބޭބެމެން މިހާރު މިދަނީ ގެއަށްގޮސްލަން...." ޚާލިދު ހުމޭދާ އާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"އެހެންވީމަ ހަވީރު ސައިގެ ކަންތަކުގައި އަހަރުމެން އަންނާނަން.... ތިކުދިން ދެން ވާހަކަ ދައްކާލަން މަޑުކޮށްލާ.....!" ހިނގައިގަންނަމުން ޒާހިރާ ބުނެލިއެވެ.

"މަންމަވެސް މިދަނީ ފެންވަރާލަން ކޮޓަރިއަށް...." ސަމީރާވެސް ހިނގައިގަންނަމުން ބުނެލިއެވެ.

"ހިނގާ އަހަރުމެން ބޭރު ޖޯއްޔަށް...." ނާޝިދު އިށީނދެ އިން ގޮނޑީގެ އަތްގަނޑުގައި ހިފާލަމުން ރާއިދު ބުނެލިއެވެ.

ޖޯލިފަތި ކައިރިއަށް ދިޔުމުން ނާޝިދުވެސް ބޭނުންވީ ގޮނޑިން ތެދުވެގެން ޖޯލިފަތީގައި އިށީނުމަށެވެ. ރާއިދުގެ އެހީތެރިކަމާއެކު ނާޝިދު ޖޯލީގައި ބޭންދިއެވެ. ޖެހިގެން ހުރި ޖޯލީގައި އިށީނީ ހުމޭދާއެވެ. ހުމޭދާ އާއި ޖެހިގެން ހުރި ޖޯލީގައި އިށީނީ ރާއިދު އެވެ. ޢާއިޝާހުރީ ކޮޅަށެވެ.

"ހުމޭ... ޢާއިޝާ ދަނީ އިނގޭ....! ހަވީރު މަންމައާ އެކީ އަންނާނަން...." ރާއިދު އާ ދިމާއަށް ބަލާލުމަށްފަހު ޢާއިޝާ ބުނެލިއެވެ.

"އުހުނ.... ދާނެ ކަމެއްނެތް.... ޢާއިޝާ މަޑުކުރޭ....! އިށީނދެބަލަ މިތާ ޖޯލީގަ...." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ކުޑަކޮށް ހީނލާފައި ހުމޭދާ ބުނެލިއެވެ.

އަދި ނާޝިދު އާއި ރާއިދުއަށް ޢާއިޝާ ތަޢާރުފުކޮށްދިނެވެ.

"ރާއިދު ކުރިން މިރަށަށް އައިން ދޯ....!" ރާއިދު އާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ސުވާލުކޮށްލިއެވެ.

"އާނ... މިރަށަށް އޭނަ އަޔޭ....! އަނބުރާ މާލެގޮއްސަ ދަތުރުގެ ޔައުމިއްޔާ ނާޝިދުއަށް ކިޔާދިންއިރު މިރަށުން ވަރަށް ޚާއްޞަ ކުއްޖަކާ ދިމާވި ވާހަކަ ބުނި.... ފަހުން ކިޔާދޭނަމޭ....! އެކަމަކު ފަހުން އެވާހަކަ ދެފަހަރަކު އަހާލީމަވެސް ދަންނަ ކަމަކަށް ނުހެދި.... ބުނިއެއްޗަކަށްވެސް ނުވި...." ރާއިދުއާ ދިމާއަށް ބަލަންއިނދެ ހީނލާފައި މަލާމާތުގެ ރާގަކަށް ނާޝިދު ބުނެލިއެވެ.

"ތިއީ ނާޝިދު ހަމަ ކިޔާއެއްޗެކޭ.... ރާއިދު ތިކަހަލަ ވާހަކައެއް ދެއްކި ހަނދާނެއް ނެތް....!" ރާއިދު ނާޝިދު އާ ދިމާއަށް ބަލަން އިނދެ ބުނެލިއެވެ.

"ބައިވަރު ކަންތައް ހީވެސް ނުކުރާކަހަލަ ގޮތްގޮތަށް ބަދަލުވެއްޖެއެއްނު.... ހުމޭއަށް ހީވަނީ ތިކަމުގައިވެސް ކޮންމެވެސް ކަމެއް އޮންނާނެހެން...." ޢާއިޝާ އާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"ހިނގާބަލަ މިއަދު އިރު އޮއްސޭއިރު މިރަށު ތުނިޑިއަށް ދާން.... އިރު އޮއްސޭއިރު ތުނޑި ވަރަށް ރީތިވާނެ.... ފޮޓޯ ނަގަން އަދި ވަރަށް ރީތިވާނެ...." ރާއިދު ނާޝިދު އާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ތިހެން ބުނާއިރު ހީވަނީ ރާއިދު މާގިނައިން މިރަށަށް އައި މީހެއްހެން.... އެންމެ ފަހަރަކު އައީ.... އަދި އެވެސް އެންމެ ދުވަހަކު.... އެންމެ ދުވަހަކުން ހާދަ ކަމެއް ތިކޮށްލީ.... އަނެއްކާ އެކުއްޖާއާ އެކީ ތުނޑިއަށްވެސް ދިޔައީތަ.....؟ މަޖާ ރާގަކަށް ނާޝިދު ބުނެލިއެވެ.

އެވަގުތު ރާއިދުގެ ބޮލު ތެރޭގައި ހިޔާލުގަނޑެއް އެނބުރެން ފެށިއެވެ. އެހެން ނަމަވެސް ވިސްނާ ވިސްނާ އެއްވެސް ކަމެއް ނޭނގުނެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރު ރުޤުޔާ ކުރާ މީހާގެ މަސައްކަތުން ނާޝިދުއަށް ހީވެސް ނުކުރާފަދަ ބޮޑު ކުރިއެރުމެއް ލިބެމުން ދިޔައެވެ. މިހާރު އުގަނޑުގައި ވަރުޖެހި ގޮނޑިއާ ނުލާ ކޮރު ޖަހަމުން މަޑުމަޑުން ހިނގާލެވެއެވެ. ނާޝިދު ބައްޔަށް މިހާ އަވަހަށް ކުރިއެރުން ލިބެމުންދާތީ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އަދި ނާޝިދު ދެކޭގޮތުގައި ނާޝިދު ބައްޔަށް ލިބޭ ފަރުވާއަކީ ހުމޭދާގެ އެހީތެރިކަމާއި އޯގާތެރިކަމާއި ލޯތްބެވެ. ނާޝިދުގެ ބައްޔަށް ކުރިއެރުން ލިބެމުންދާ ވަރަކަށް ރާއިދުގެ ހަނދާންނެތިފައިވާ ހަނދާންތަކަށް ވެސް ކުރިއެރުން ލިބެމުންދިޔައެވެ. މިކަމަށް އެންމެބޮޑު މަސައްކަތެއް ކޮށްދެމުން ގެންދަނީ ހަމަ ހުމޭދާއެވެ. ޢާއިޝާ އަކީ މިހާރު ހުމޭދާގެ ކޮއްކޮއެއްފަދަ ކުއްޖެކެވެ. ހުމޭދާއަށް ލިބޭ ކޮންމެ އުފަލަކީ ޢާއިޝާއަށްވެސް ލިބޭ އުފަލެކެވެ. ޢާއިޝާވެސް އުފަލުގައި ހުންނާނީ ޢާއިޝާގެ މަންމައާއި ބައްޕަވެސް ތިބެނީ ވަރަށް އުފާވެފައެވެ. އަދި ރާއިދު އާއި ޢާއިޝާ ގުޅެންވެސް ޢާއިޝާގެ މަންމަ އާ ބައްޕަ ގަބޫލެވެ.

ދުވަހަކީ ހުކުރު ދުވަހުގެ ހަވީރުގެ ހިތްފަސޭހެ ވަގުތެވެ. ނާޝިދު އާއި ހުމޭދާ ނުކުތީ ކާރު ދުއްވާލުމަށެވެ. އެވަގުތު ކާރުގެ ސެޓުން އަންނަމުންދިޔައީ ދިވެހި އެފް.އެމް.ގެ ލަވަ ޕްރޮގްރާމެކެވެ. އެވަގުތު އަންނަމުންދިޔަ ލަވަ ނިމުމުން އެނައުންސަރ ވާހަކަ ދައްކަން ފެށިއެވެ.

"ޕްރޮގްރާމްގެ މިހާ ހިސާބުން މިޖަހާލަދެނީ އަމިއްލަ ރާގަކަށް ތައްޔާރު ކޮށްފައިވާ ވަރަށް ރީތި ލަވައެއް.... މިލަވައިގެ ޕްރޮޑިޔުސަރ އަދި ޑައިރެކްޓަރ އާއި ވާހަކަ ދައްކާލުމުން އެފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި މިލަވައަކީ އިންސާނަކާ ޖިންނިއެއްގެ ލޯބީގެ ގުޅުން ފެނިދެންދާ ވަރަށް ރީތި ލަވައެއް.... އަދި ވަރަށް އަވަހަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ހިމަނައިގެން މިލަވައިގެ ވީޑިއޯވެސް ގެނެސް ދެވޭނެ ކަމުގައި އެފަރާތުންވަނީ ވިދާޅުވެފައި.... ދެން މި ފުރިހަމަ ލަވަ އައްސަވާލައްވާ...." އެނައުންސަރުގެ މި ބަސްކޮޅު އިވުމާއެކު ހުމޭދާ، ނާޝިދުގެ މޫނަށް ބަލާލިއެވެ.

"ހުމޭ އާ މިލަވައާ ކޮންމެވެސް ގުޅުމެއް އެބަވޭ.... ހިނގާބަލަ އަޑު އަހާލަން....!" ނާޝިދުގެ އަތުގައި ހިފާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

އެވަގުތު އެފް.އެމް.ރޭޑިއޯ އިން ލަވަ އަންނަން ފެށިއެވެ.

ފެނުމަށްއެދޭ ޔާރުތިއޭ، އަބަދު ހިތް ގަޔާވާތީ

އެދޭ ލޯބި ޔާރުތިޔޭ، މިހިތް އިންތިޒާރު ކުރޭ

ހިތުގަ ފިރުމާލަބަލާ، ލޯބިވެޔޭ، ލޯބިވެޔޭ

މަސްތީ ބެލުމޭ، ނިޔަނެތި މޫނޭ، ހިތުގާ ތިނަން ލިޔެވިއްޖޭ (2)

ހޫރެއް ފަދައޭ، ގުލްޝަން ތެރޭގާ، ފަރިވެފޮޅޭ ފިނިފެންމާ

ރީއްޗޭ ކަލާ، ހައެ، ޗާލޭއެހާ، ތީ ލޯބިވާއޭ، ފިނިފިނި ރޯޅިތެރޭ

މިހިތް އިންތިޒާރު ކުރޭ.....

ހިތުގަ ފިރުމާލަބަލާ، ލޯބިވެޔޭ، ލޯބިވެޔޭ

ފެނުމަށް އެދޭ ޔާރާތީ، އަބަދު ހިތް ގަޔާވާތީ

"ލަވައިގައި އެކިޔާގޮތަށް މިހިތް އަބަދުވެސް އިންތިޒާރު ކުރަމުން ދިޔައީ ހުމޭއަށް.... މި ހިތުގައި ފިރުމާލާފައި ލޯބިވެއޭ ބުނާނެ ދުވަހަކަށް...." ނާޝިދު ހުމޭދާގެ އަތް ނަގާ ނާޝިދުގެ މޭގައި ޖައްސަލާލަމުން ބުނެލިއެވެ.

"މާހައުލަށް ޖެހޭ ފިނިފިނި ރޯޅިތެރޭ މިހިތްވެސް އިންތިޒާރު ކުރަމުން ދިޔައީ ހަމަ ނާޝިދުއަށް.... މިއީ އަހަރުމެންގެ ލޯތްބާއި ވަރަށްބޮޑަށް ގުޅުންހުރި ލަވައެއް.... މިލަވައިގެ ވީޑިއޯ ނުކުންނާނެ ދުވަހަކަށް އިންތިޒާރު ކުރަންވާނެ...." ހުމޭދާ ނާޝިދުގެ އަތުގައި ހިފާލުމަށްފަހު މަޑުމަޑުން ދެލޯމަލާރިއެވެ.


ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް